ވިއްސާރައަށް ތައްޔާރުވުމަށް ދުރާލާ ތިން ސަރަހައްދެއްގައި ވެލި ބަސްތާތަކުން ބަރުކޮށްފައިވާ ލޮރީތައް ބާއްވައިފިއެވެ.
އެގޮތުން ސަލްމާން މިސްކިތް ކައިރީގައި 260 ބަސްތާއާއެކު ލޮރީއެއް، ކުޑަކުދިންގެ ބަގީޗާ ސަރަހައްދުގައި 200 ބަސްތާއާއެކު ލޮރީއެއް، އަދި ސޯޝަލް ސެންޓަރު ސަރަހައްދުގައި 200 ބަސްތާއާއެކު ލޮރީއެއް ވަނީ ބާއްވާފައެވެ.
"މި ސްޓޭޝަންތަކުން ރައްޔިތުންނަށް ވެލިބަސްތާ ފޯރުކޮށްދިނުމުގެ އިތުރުން އެހީތެރިކަމަށް ބޭނުންވާ ފަރާތްކަށް ވެލިބަސްތާ ފޯރުކޮށްދިނުމަށް 2 މޯބައިލް ޓީމް ހަރަކާތްތެރިވަމުންދާނެ، އަދި ހާލަތަށް ރިއާޔަތްކޮށް މޯބައިލް ޓީމްތަކުގެ އަދަދު އިތުރު ކުރެވޭނެ" އެމްއެންޑީއެފްއިން ބުނެފައިވެއެވެ.
މޫސުން ގޯސްވާނޭކަމަށް ލަފާކުރެވޭތީ، ރައްޔިތުންނަށް ލިބިދާނެ ގެއްލުންތަކުން ރައްކާތެރިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ވެފައިވާ ތައްޔާރީތަކުގެ ތެރެއިން
ކުރިއަށް އޮތް ފަސް ދުވަހަށް ރާއްޖޭގެ މޫސުން ގޯސްވެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގަދަވަޔާއެކު ކަނޑު ގަދަވާނެކަމަށާއި އަދި ހާއްސަކޮށް އުތުރާއި މެދުރާއްޖޭގެ ބައެއް ރަށްތަކަށް އުދައަރާނެކަމަށް ލަފާކޮށްފައިވާތީ، އެކަމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށްޓަކައި އެމްއެންޑީއެފުން ދުރާލާ ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.
މާލޭގެ އިތުރުން ސެންޓްރަލް އޭރިއާ ކޮމާންޑް، ސަދަން އޭރިއާ ކޮމާންޑް، އަދި ނޮދަން އޭރިއާ ކޮމާންޑްގައިވެސް ކައުންސިލްތަކާ ގުޅިގެން ދަނީ ގިނަ މަސައްކަތްތަކެއް ކުރެވެމުންކަން އެމްއެންޑީއެފްއިން ފާހަގަކުރެއެވެ. އެގޮތުން ރަށްތަކުގެ ހާލަތު ކައިރިން ބަލަމުން ދިއުމާއެކު، ސިފައިންގެ އެހީތެރިކަން އެންމެބޮޑަށް ބޭނުންވާނެކަމަށް ލަފާ ކުރެވޭ ރަށްތައް ދެނެގަނެ، އެހީތެރިކަން ބޭނުންވެއްޖެ ހާލަތެއްގައި މީހުންނާއި ވަސީލަތްތައް ބޭނުންކޮށްގެން އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ތައްޔާރުވެފައެވެ.
އެމްއެންޑީއެފުން މި އޮޕަރޭޝަންގައި މަސައްކަތް ކުރަމުންދަނީ ޖޮއިންޓް އޮޕަރޭޝަން ސެންޓަރުގެ ތެރެއިން ކަމަށްވުމާއެކު، އެހީތެރިކަން ހޯއްދެވުމަށްޓަކައި މާލެއިން ގުޅުއްވާނީ މޯލްޑިވްސް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގެ ހޮޓްލައިން 115 އަށް ކަމަށާއި އަދި އަތޮޅުތަކުން ކޯޑިނޭޓް ކުރައްވާނީ ކައުންސިލްތަކާ ގުޅިގެން އޭރިއާ ކޮމާންޑްތަކަށް ކަމުގައި އެމްއެންޑީއެފްއިން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް