އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެންބަރު ޙުސެއިން ޒިޔާދު (ފިއްޓޭ) ގެ ފޯމު ހުށަހެޅި މައްސަލައިގާ ޒިންމާވާ ފަރާތްތަކުގެ މައްސަލަ ބަލައި ފިޔަވަޅު އަޅާނެކަމުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
އީސީއިން މިހެން ބުނެފައިވަނީ މިކަމާއި ގުޅޭގޮތުން ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
އީސީގެ އެ ނޫސްބަޔާނުގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ އިއްޒައްތެރި މެންބަރު ޙުސައިން ޒިޔާދު، އެބޭފުޅާއަށް އެނގިވަޑައިގަތުމެއްނެތި، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީ.އެން.ސީ) އަށް ރަޖިސްޓަރީކުރުމަށްޓަކައި އެ ކޮމިޝަނަށް ފޯމެއް ހުށަހަޅައިގެން، މިކަން މި ކޮމިޝަނުގެ ސަމާލުކަމަށް އައުމާ ގުޅިގެން، އިސްވެ ދެންނެވުނު ފޯމު ބާޠިލްކުރެވިފައިވާނެކަމަށެވެ.
"މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ އިއްޒައްތެރި މެންބަރު ޙުސައިން ޒިޔާދުގެ މެންބަރޝިޕް ޙައިޞިއްޔަތަށް އެއްވެސް ބަދަލެއް އައިސްފައިނުވާ ވާހަކަވެސް މިފުރުޞަތުގައި ފާހަގަކުރަން" އީސީއިން ބުނެފައިވެއެވެ.
އީސީއިން އިތުރަށް ބުނެފައިވަނީ މި މައްސަލައާ ގުޅިގެން އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތްތައް އެ ކޮމިޝަނުން މަސައްކަތްކުރަމުން އަންނަކަމަށާއި އަދި މި ފަދަކަމެއް އިތުރަށް ތަކުރާރުނުވާނޭ ފަދައިން އިދާރީ އަދި ޤާނޫނީ އިންތިޒާމުތައް ހަމަޖައްސާނެކަމުގެ ޔަޤީންކަންއަރުވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް