މިދިޔަ އަހަރު ޖުމްލަ15514 އުޅަނދު ޓޯކޮށްފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުން މިއަދު އާއްމުކުރި ތަފާސް ހިސާބުތަކުން އެނގޭގޮތުގައި ފާއިތުވި އަހަރު ޓޯވ އޮޕަރޭޝަންތަކުގައި ޖުމްލަ 15،514 އުޅަނދު ޓޯވ ކޮށްފައިވެއެވެ. މީގެ ތެރޭގައި 11،645 މޮޓޯސައިކަލް، 2،567 ކާރު، 478 ޕިކަޕް، 369 ވޭން އަދި 87 ޓްރަކް ހިމެނެއެވެ. ޓޯވ ކުރެވުނު އުޅަނދުތަކުގެ ތެރެއިން 546 އުޅަނދު ނައްތާލެވުނު އިރު، 13،562 އުޅަނދު ވަނީ ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
އަދި މީގެއިތުރުން މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކޮށް މަގުމައްޗަކީ އެންމެނަށް އަމާން ތަނަކަށް ހެދުމަށް ކުރެވުނު މަސައްކަތުން ފާއިތުވި އަހަރު ޖުމްލަ 73،953 އުޅަނދު ޗެކްކޮށް، 7،606 އުޅަނދަކާމެދު ފިޔަވަޅު އަޅާފައިވާކަމަށް ޓްރެފިކް އަދި ޓޯވިންގ ތަފާސްހިސާބުން ދައްކައިފައިވާ ކަމަަށް ފުލުހުން ބުނެއެވެ.
އެގޮތުން ފުލުހުން ބުނީ، 66،347 މީހަކަށް ނަސޭހަތް ދީފައިވާއިރު، 7،606 މީހަކަށް ވަނީ ވަޔަލޭޝަން ސްލިޕް ދޫކޮށްފައިވާކަމަށެވެ. މީގެ އިތުރުން، ލައިސަންސް ނެތި ދުއްވި 2،138 މީހަކު ފާހަގަކުރެވުނު ކަމަށެވެ. މީގެ ތެރޭގައި ދެފުރޮޅުލީ 2،005 އުޅަނދާއި ހަތަރު ފުރޮޅުލީ 133 އުޅަނދު ހިމެނޭ ކަމަށާއި، ނުރައްކާތެރިކޮށް ދުއްވުމުގެ 293 މައްސަލަ ވަނީ ފާހަގަކުރެވިފައިވާއިރު އޭގެތެރޭގައި ދެފުރޮޅުލީ 271 އުޅަނދާއި ހަތަރު ފުރޮޅުލީ 22 އުޅަނދު ދުއްވުމުގެ މައްސަލަތައް ހިމެނޭކަމަށް ފުލުހުން ބުނެއެވެ.
އޭގެއިތުރުން އެކްސިޑެންޓުތައް މަދުކުރުމަށް ގިނަ ވަސީލަތްތަކެއް ބޭނުންކޮށްގެން ހަރުދަނާ މަސައްކަތްތަކެއް ފާއިތުވި އަހަރު ވާ ކަމަށާއި ފުރާނައަށް ނުރައްކާވާފަދަ އެކްސިޑެންޓުތައް މަދުކުރުމަށް އެކަމަށް ވަކިން ހާއްސަކޮށް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ އަމާޒަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން އާންމުންގެ ހޭލުންތެރިކަން އިތުރުކޮށް، ޓްރެފިކް ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތާ މުޖުތަމައެއް ބިނާކުރުންކަން ފާހަގަކޮށް އެ ހިދުމަތުން ބުނީ މިކަން ހާސިލުކުރުމަށްޓަކައި، މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި އާންމު ރައްޔިތުންގެ އެއްބާރުލުމަކީ ކޮންމެހެން މުހިންމުކަމެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް