ހޮނިހިރު ދުވަހާއި ހަމައަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައިވާއިރު ވިއްސާރައަށް ތައްޔާރުވުމަށް ޖޮއިންޓް އޮޕަރޭޝަންސް ސެންޓަރެއް މާލޭގައި ގާއިމުކޮށްފިއެވެ.
ވަމުން އަންނަ ތައްޔާރީތަކާއި ގުޅޭގޮތުން މައުލޫމާތުދިނުމަށް އެ ސެންޓަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް، ޗީފް އޮފް ޑިފެންސް ފޯސް އަދި އެންޑީއެމްއޭގެ ޗީފް އޮފިސަރ ބައިވެރިވެވަޑައިގެންނެވިއެވެ.
ނޫސްވެރިންގެ އެ ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހިމް ހިލްމީ ވިދާޅުވީ ރައީސްގެ އިރުޝާދުގެ ދަށުން ހާއްސަ ޓާސްކްފޯހެއް އެކުލަވައިލެވި ޖޮއިންޓް އޮޕަރޭޝަންސް ސެންޓަރެއް ގާއިމުކުރެވިފައިވާކަމަށެވެ.
ފުލުހުންނާއި ސިފައިން އަދި އެންޑީއެމްއޭއިން ގުޅިގެން މަސައްކަތް މިހާރުއްސުރެ ފަށާފައިވާއިރު ހއ. އުލިގަމުން ސ. ގަމާއި ހަމައަށް ތައްޔާރީތައް ވަމުން އަންނަކަން ޗީފް އޮފް ޑިފެންސް ފޯސް ފާހަގަކުރެއްވިއެވެ.
މާލޭގައި މިހާރު ކުޑަކުދިންގެ ބަގީޗާ ސަރަހައްދާއި ރަސްފަންނު ސަރަހައްދާއި ސަލްމާން މިސްކިތް ސަރަހައްދުން ވެލިބަސްތާ ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާކަންވެސް ޗީފް ފާހަގަކުރެއްވިއެވެ.
މެޓުން ބުނެފައިވާގޮތުގައި ރާއްޖޭގެ އިރުން ހުޅަނގުދެކުނު ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ކޮޅިގަނޑު ހުޅަނގަށް ޖެހި ރާއްޖޭގެ ސަރަހައްދުގައި ބޯ ވިއްސާރަވިލާ އުފެދި މިއަދުން ފެށިގެން ހޮނިހިރާއި ހަމައަށް ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ވަޔާއި ކަނޑުގަދަވެ އަދި ބައެއް އަތޮޅުތަކަށް އުދަ އެރުމުގެ ފުރުސަތު އެބަ އޮތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް