މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ އެންޑީއެމްއޭއިން ރައްކާތެރިކަމުގެ އިރުޝާދު ނެރެފި

މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ނޭޝަނަލް ޑިޒާސްޓްރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ރައްކާތެރިކަމުގެ އިރުޝާދު ނެރެފިއެވެ. ރާއްޖޭގެ އިރުން ހުޅަނގުދެކުނު ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ކޮ...

13 Jan 2025 | 03:38

މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ނޭޝަނަލް ޑިޒާސްޓްރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ރައްކާތެރިކަމުގެ އިރުޝާދު ނެރެފިއެވެ.

ރާއްޖޭގެ އިރުން ހުޅަނގުދެކުނު ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ކޮޅިގަނޑު ހުޅަނގަށް ޖެހި ރާއްޖޭގެ ސަރަހައްދުގައި ބޯ ވިއްސާރަވިލާ އުފެދި މިއަދުން ފެށިގެން ހޮނިހިރާއި ހަމައަށް ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ވަޔާއި ކަނޑުގަދަވެ އަދި ބައެއް އަތޮޅުތަކަށް އުދަ އެރުމުގެ ފުރުސަތު އޮތްކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވެއެވެ.

މޫސުން ގޯސްވެ ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ދުރާލާ މަސައްކަތް ކުރެއްވުމަށް އިލްތިމާސްކޮށް، ގޯތިގެދޮރާއި މުދަލަށް ލިބިދާނޭ ގެއްލުންތައް ކުޑަކުރުމަށް ސަމާލުވާންވީ ކަންކަން އެންޑީއެމްއޭގެ އިރުޝާދުގައި ހިމަނާފައިވެއެވެ.

އެ ކަންކަމަކީ:

  • ވާރޭވެހި ފެންބޮޑުވެދާނެކަމަށް ސަމާލުވެ، ގެއަށް ފެން ނުވަންނާނެހެން ދުރާލާ ގޭގެ ދޮރުމަތީ ވެލިބަސްތާފަދަ ތަކެތި ޖެއްސުން
  • ފެންބޮޑުވާ ސަރަހައްދުތަކގައި ސައިކަލުފަދަ ތަކެތި ޕާކު ނުކުރުން
  • ފިހާރަ، ގުދަން، ރެސްޓޯރަންޓް އަދިވެސް އަގުބޮޑު މުދާ ރައްކާކުރެވިފައިވާ ތަންތަނާއި މުދަލަށް ލިބިދާނެ ގެއްލުން ކުޑަކުރުމަށް ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން
  • ފެންބޮޑުވެ ގެއްލުންލިބޭ ހިސާބުގައި ހުންނަ ކާޑުގެ ބާވަތްތަކާއި އަދިހިފާގެންގުޅޭތަކެތި (ދޮންނަމެޝިނު، އައިސް އަލަމާރި ފަދަތަކެތި) ފެން ނުޖެހޭ ފަދަ އުސް ތަންތަނަށް ނުވަތަ ފެނުގެ އަސަރު ނުފޯރާނެ ތަނަކަށް ބަދަލުކުރުން
  • ވައިގަދަވާނެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން، މިގޮތުން ހާއްސަކޮށް ގަދަވައިގެ ސަބަބުން އެއްލާލަފާނެ ތަކެތި ރައްކާތެރިކުރުން
  • ބޭނުންނުކުރާނަމަ، ކަރަންޓުން ބޭނުންކުރާ ތަކެތި ނިއްވާފައި ބެހެއްޓުން
  • ކަނޑުދަތުރުކުރާ ފަރާތްތަކުން ދަތުރު ފެށުމުގެ ކުރިން މޫސުމާއިބެހޭ އެންމެ ފަހުގެ މައުލޫމާތު ކަމާއިބެހޭ އިދާރާތަކުން ހޯދުން އަދި ދަތުރަށް ފެށުމުގެ ކުރިން މުއާސަލާތީ ވަސީލަތްތަކާއި ސަލާމަތީ އާލާތްތައް ހުރިކަން ކަށަވަރުކުރުން
  • ކާޑުގެ ބާވަތްތަކާއި ޒަރޫރީ ތަކެއްޗަށް ދަތިނުވާނެ ގޮތަށް ދުރާލާ ކަންކަން އިންތިޒާމު ކުރުން
  • ހާއްސަކޮށް މާލޭގައި ފެންބޮޑުވެފައިވާ ހާލަތެއްގައި ބަރު އުޅަނދު ނުދުއްވުން

މި ކަންކަމަށް އެންޑީއެމްއޭއިން އިލްތިމާސްކޮށްފައިވާއިރު ރާއްޖެ ސަރަހައްދަށް ބަލައިލާއިރު މި މަހުގެ ތެރޭގައި މިހާތަނަށް ދެ ދުވަހެއްގައި ބޯކޮށް ވާރޭވެހި ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް