މިއަދު ކުރިއަށްގެންދިޔަ ބައި އިލެކްޝަންތަކުގެ ވޯޓު ފޮށިތައް ބަންދުކޮށް ގުނަން ފަށައިފިއެވެ.
މާލެ ސިޓީ ކައުންސިލްގެ މޭޔަރު، މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާ، މެދުހެންވޭރު ދާއިރާ، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު އަދި މ. މުލަކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގެ އިންތިހާބުގެ ވޯޓުލުން ފަށާފައިވަނީ މިއަދު ހެނދުނު 8 ޖެހި އިރުއެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 56,002 މީހަކަށް ލިބޭއިރު، 4 ޖެހުމާ ހަމަޔަށް ވޯޓުލުމުގެ ހައްގު އަދާކޮށްފައިވަނީ 14,605 މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން 26.08 އިންސައްތައެވެ.
އިންތިހާބުގެ ކެމްޕެއިން ސިޔާސީ ޕާޓީތަކުން ވަރަށް ފޯރިއާއެކު ކުރިއަށް ގެންދިޔަ ނަމަވެސް، ވޯޓުލުމުގެ ތަރުހީބު ފެނުނީ ވަރަށް ކުޑަކޮށެވެ. މިކަމާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައިވެސް ބައެއް މީހުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން، ހާއްސަކޮށް މާލެއަށް ދިމާވެފައިވާ މައްސަލަތަކުގެ ސަބަބުން އުފުލަން ޖެހޭ ތަކުލީފުތަކުގެ ވާހަކައަކީ ގިނަ ބަޔަކު ދައްކާ ވާހަކައަކަށް ވާއިރު، މޭޔަރު ކަމަށް ކެނޑިޑޭޓަކު ހޮވުމުގެ ހައްގު އަދާނުކުރާ ފަރާތްތަކުން، މާލޭގެ މައްސަލަތަކުގެ ވާހަކަތައް ނުދެއްކުމަށް ސޯޝަލް މީޑިއާގައި އަންނަނީ ގޮވާލަމުންނެވެ.
މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވަނީ ޕީއެންސީގެ ފަރާތުން ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރާއި، އިދިކޮޅު އެމްޑީޕީގެ ފަރާތުން އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް އާއި، ދަ ޑިމޮކްރެޓްސްގެ ފަރާތުން ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާ މެމްބަރު މުޙައްމަދު ސައިފް ފާތިޙް އާއި އަމިއްލަ ގޮތުން ކުރީގެ ޕޮލިސް ކޮމިޝަނަރ ހުސެއިން ވަހީދާއި ޝުއައިބު އަލީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް