ޔަމަނުގެ ހޫތީ ހަނގުރާމަވެރިންނާ ދެކޮޅަށް އެމެރިކާއިން ޖެހިޖެހިގެން ދެވަނަ ދުވަހު ހަމަލާތަކެއް ދޭން ފަށާފައި މިވަނީ އީރާނާ ގުޅިފައިވާ އެ ޖަމާއަތުން ޔަމަނުގެ މަރުކަޒުތަކަށް ދިން ސިލްސިލާ ހަމަލާތަކުގެ ބަދަލު ހިފާނެ ކަމުގެ އިންޒާރު ދީފައި ވަނިކޮށެވެ.
އެމެރިކާގެ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ހޮނިހިރު ދުވަހު ބުނީ އެމެރިކާގެ ކަނޑުގެ ސިފައިންގެ ޔޫއެސްއެސް ކާނީއިން ޓޯމަހޯކް މިސައިލް ފޮނުވާލީ ހޫތީ ރާޑަރު ސައިޓަކަށް ކަމަށެވެ.
ޔަމަނުގެ ވެރިރަށުން ރިޕޯޓްކުރަމުން އަލްޖަޒީރާގެ މުހައްމަދު އަލް އައްތާބު ވިދާޅުވީ މި ގޮވުންތައް ގޮއްވާލި އަޑު އިވުނު ކަމަށާއި، ވެރިރަށް ސަނާގައި ބާރުގަދަ ގޮވުންތަކެއް ގޮއްވާލި އަޑު އިވުނު ކަމަށް ބުނެ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވާހަކަ ދެއްކި ކަމަށެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ އިތުރު ހަމަލާތަކަށް އަމުރު ކޮށްފާނެ ކަމުގެ އިންޒާރު ދެއްވައިފައެވެ. "ހޫތީން މިފަދަ އަނިޔާވެރި އަމަލުތައް ކުރިއަށް ގެންދާނަމަ، ހޫތީންނަށް ރައްދުދޭތޯ ކަށަވަރުކުރާނަން."
ހޫތީން ބުނަނީ އެ މީހުންގެ ކެމްޕޭނަކީ ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި ގާޒާގައި އިޒްރޭލު ސިފައިން ވަށާލައި ބޮމުގެ ހަމަލާތައް ދެމުން އަންނަ ފަލަސްތީނަށް ތާއީދު ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ކެމްޕެއިނެއް ކަމަށެވެ.
އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓުން ބުނީ ބުރާސްފަތި ދުވަހުގެ ރޭ ޔަމަނަށް ދިން ފުރަތަމަ ހަމަލާގައި އެމެރިކާ އާއި އިނގިރޭސިވިލާތުގެ މެރިޓައިމް އެންޑް އެއާ ޕްލެޓްފޯމްތަކުން ފޮނުވާލި 150 އަށް ވުރެ ގިނަ ހަތިޔާރު، ހޫތީ ސިފައިންގެ ކޮންޓްރޯލް އޮންނަ 16 އަށް ވުރެ ގިނަ ތަންތަނަށް އަމާޒުކޮށްފައިވާ ކަމަށެވެ.
ހަމަލާ ދިން ސައިޓްތަކުގެ ތެރޭގައި ހޫތީ ހަތިޔާރު ޑިޕޯތަކާއި ލޯންޗް ސައިޓްތަކާއި އެއާ ޑިފެންސް ރާޑަރުތަކާއި ކޮމާންޑް އެންޑް ކޮންޓްރޯލް ނޯޑްސް އަދި ޕްރޮޑަކްޝަން ފެސިލިޓީސް ހިމެނޭ ކަމަށް އެ ޑިޕާޓްމަންޓުން ބުންޏެވެ.
ގާތްގަނޑަކަށް ދިހަ ވަރަކަށް އަހަރު ވަންދެން ޔަމަނުގެ ބޮޑު ބައެއް ކޮންޓްރޯލް ކުރަމުން އަންނަ ހޫތީން ބުނީ އެ ހަމަލާތަކުގައި ފަސް ހަނގުރާމަވެރިން މަރުވެފައިވާ ކަމަށެވެ. އަދި ސަރަޙައްދީ ޝިޕިންގއަށް ދޭ ޙަމަލާތައް ކުރިއަށް ގެންދާނެކަމަށް ވަޢުދުވިއެވެ.
ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު ގެލެކްސީ ލީޑަރާއި އެ ގައުމުގެ 25 މީހުންގެ މަލްޓިނޭޝަނަލް ކްރޫންނަށް ކޮމާންޑް ކުރި ފަހުން ހޫތީން ވަނީ ރަތް ކަނޑުގެ ވިޔަފާރި އުޅަނދުތަކަށް 27 ހަމަލާއެއް ދީފައި ކަމަށް އެމެރިކާ އިން ބުނެއެވެ.
މިއީ 2016 ވަނަ އަހަރުގެ ފަހުން ޔަމަނުގެ ސަރަހައްދަށް ދިން ފުރަތަމަ ހަމަލާއަށް ވާއިރު، މިއީ މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު އިޒްރޭލުން ގާޒާއާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން ވިޔަފާރީގެ އުޅަނދުތަކަށް ޑްރޯން އަދި މިސައިލް ހަމަލާދިނުމާ ގުޅިގެން އެމެރިކާއިން އަސްކަރީ ގޮތުން ނުފޫޒު ފޯރުވި ފުރަތަމަ ފަހަރެވެ.
ހުޅަނގުގެ ތާއީދު އޮންނަ، ސައޫދީ އިސްވެ އޮވެ އުފައްދާފައިވާ ކޯލިޝަނަކާ ދެކޮޅަށް ގާތްގަނޑަކަށް 10 ވަރަކަށް އަހަރު ވަންދެން ކުރި ހަނގުރާމައަށް ފަހު ޔަމަނުގެ ބޮޑު ބައެއް ކޮންޓްރޯލް ކުރާ ހޫތީންނަކީ އިޒްރޭލާ ދެކޮޅަށް ހަމާސް އިން ކުރާ މަސައްކަތަށް ވަރަށް ބޮޑަށް ތާއީދުކުރާ ބައެކެވެ. ގާޒާގައި ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް 23،000 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު އޭގެ ތެރޭގައި ގާތްގަނޑަކަށް 10،000 ކުޑަކުދިން ވެސް ހިމެނެއެވެ.
ނަމަވެސް ޔަމަނަށް ދިން ހަމަލާތަކަށް އެމެރިކާގެ ބޮޑެތި ހުރިހާ ބައިވެރިން ތާއީދެއް ނުކުރެ އެވެ. ނެދަލޭންޑްސް، އޮސްޓްރޭލިއާ، ކެނެޑާ އަދި ބަހްރެއިން އިން ލޮޖިސްޓިކް އަދި އިންޓެލިޖެންސްގެ އެހީތެރިކަން ފޯރުކޮށްދިންއިރު، ޖަރުމަނު، ޑެންމާކް، ނިއުޒީލެންޑް އަދި ދެކުނު ކޮރެއާ ގުޅިގެން ނެރުނު ބަޔާނެއްގައި ވަނީ ހަމަލާތައް ދިފާއުކޮށް އިތުރު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައެވެ.
އިޓަލީ، ސްޕެއިން އަދި ފަރަންސޭސިވިލާތުން ސޮއިނުކުރަން ނުވަތަ ބައިވެރިނުވުމަށް އިހްތިޔާރުކުރީ އެއަށްވުރެ ބޮޑު ހަމަނުޖެހުމެއް ހިނގައިދާނެކަމުގެ ބިރަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް