މާލޭ ސިޓީ ކައުންސިލްގެ މޭޔަރު، އެކައުންސިލްގެ މާފަންނު ދެކުނު ދާއިރާ، މެދުހެންވޭރު ދާއިރާ، ހެންވޭރު ދެކުނު ދާއިރާ އަދި މުލަކު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަން މިއަދު ކުރިއަށްދާއިރު މިހާތަނަށް ވޯޓުލާފައިވަނީ ގާތްގަނޑަކަށް ފަސް އިންސައްތަ މީހުން ކަމުގައި އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
ވޯޓުލުން މިއަދު ހެނދުނު 08:00ގައި ފަށާފައިވާއިރު އިލެކްޝަންސް އިން ބުނެފައިވާގޮތުގައި ހެނދުނު 10:00 އާއި ހަމައަށް 1،007 އަންހެނަކު، 1،626 ފިރިހެނަކު ވޯޓުލާފައިވެއެވެ. އެއީ ޖުމްލަ 2،633 ވޯޓެވެ.
މި ބައި އިލެކްޝަންސް ތަކުގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާމީހުންގެ ޖުމްލަ އަދަދަކީ 56،002 މީހުން ކަމުގައިވާއިރު އެ އަދަދުން ބަލާއިރު މިހާތަނަށް ވޯޓު ލާފައިވަނީ 4.70 އިންސައްތަ މީހުންނެވެ.
މިއަދު ކުރިއަށްދާ ބައިއިލެކްޝަންސްތަކުގައި މާލޭގެ މޭޔަރު އިންތިހާބުކުރުމުގެ ބައި އިލެކްޝަން ކުރިއަށްދާއިރު މޭޔަރުކަމަށް ފަސް ކެނޑިޑޭޓަކު ވާދަކުރެއެވެ.
އެއީ އަމިއްލަގޮތުން ޝުއައިބު އަލީ އާއި ހުސެއިން ވަހީދު (ރައީސް ޔާމީންގެ ތާއީދާއެކު، ޕީއެންސީގެ ފަރާތުން އާއިޝަތު އާޒިމާ ޝަކޫރު، އެމްޑީޕީގެ ފަރާތުން އާދަމް އާޒިމް އަދި ދަ ޑިމޮކްރެޓްސްގެ ފަރާތުން މުހައްމަދު ސައިފް ފާތިހެވެ.
އިލެކްޝަންސް އިން ބުނެފައިވާގޮތުގައި ވޯޓުލުން މިއަދު ހަވީރު 05:00 އާއި ހަމައަށް ކުރިއަށްދާނެއެވެ. ވަގުތު އިތުރު ނުކުރާނެކަމަށްވެސް އިލެކްޝަންސް އިން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް