މިއަހަރުގެ ހައްޖު އަޅުކަން އަދާކުރުމަށް އެދޭ ފަރާތްތަކުން ކޮވިޑުގެ ހުރިހާ ވެކްސިންތަކެއް ހަމަކުރަންޖެހޭނެކަމަށް ސައުދީގެ ހައްޖު އަދި އުމްރާގެ ކަންކަމާއި ބެހޭ މިނިސްޓަރ ޑރ.ތައުފީގު އަލް ރާބީއަހް ވިދާޅުވެއްޖެއެވެ.
ސައުދީއިން މިއަހަރުގެ ހައްޖު މޫސުމަށް ކޮވިޑްގެ ކުރީގެ އަދަދަށް މީހުންނަށް މައްކާއަށް ދެވޭނެކަމުގައި ނިންމާފައިވީނަމަވެސް ހައްޖުވެރިންގެ ރައްކާތެރިކަމަށްޓަކައި ހުރިހާ ވެކްސިނެއް ހަމަކުރުމަކީ ލާޒިމުކަމެއްގެ ގޮތުގައި ވަނީ ނިންމާފައެވެ. ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީއަށް ދާ ފަރާތްތަކުގައި ގައިންގަޔަށް އަރާ ބަލިތަކާއި އެއްވެސް އިންފެކްޝަސް ބައްޔެއް ހުރޭތޯ ކަށަވަރުކުރަންވާނެކަމަށްވެސް ބުނެފައިވެއެވެ.
ކޮޥިޑް ފެތުރުން މަދުކުރުމަށްޓަކައި ފާއިތުވި ތިން އަހަރުގައި ހައްޖުވުމަށް މައްކާއަށް ދެވޭ މީހުންގެ އުމުރު ކަނޑައެޅިއެޅުން މިއަހަރުން ފެށިގެން އުވާލާނެކަމުގައިވެސް އިއުލާން ކޮށްފައިވެއެވެ. އެހެންމަކުން ގައިންގައިން އަރާ ނުވަތަ އިންފެކްޝަސް ބައްޔެއް ނެތި ހުރިހާ ވެކްސިންތަކެއް ހަމަކޮށްފައިވާ ސިއްހީ ހާލަތު ރަނގަޅު ކޮންމެ ފަރާތަކަށްވެސް މިއަހަރު ހައްޖުވުމުގެ ފުރުސަތު ސައުދީއިން ހުޅުވާލައިފައި ވެއެވެ.
ހައްޖުގެ އަޅުކަމަށް ސައުދީއަށް ދަތުރުކުރާނީ މިއަހަރުގެ ޖޫން މަހުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް