ޕްރައިމަރީގައި ވާދަކުރައްވާ ދެ ރައީސުންގެ ބަހުސަކަށް ސަންގު ޓީވީއިން ދައުވަތު ދީފި

މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް ތައްޔާރު ވުމުގެ ގޮތުން  އެމްޑީޕީން ބާއްވާ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ޕާޓީގެ އިސް ލީޑަރު ރައީސުލްޖުމްހޫރިއްޔާ ...

13 Jan 2023 | 12:32

މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް ތައްޔާރު ވުމުގެ ގޮތުން  އެމްޑީޕީން ބާއްވާ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ޕާޓީގެ އިސް ލީޑަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ސަންގު ޓީވީން ގެނެސްދޭ ސަންގު ބަހުސްގައި ބައިވެރިވުމަށް ދައުވަތު އަރުވައިފިއެވެ.

މިއީ ފަހުގެ ތާރީހެއްގައި އެމްޑީޕީގެ އެތެރޭގައި ބޭއްވޭ އެންމެ ވާދަވެރި އިންތިޚާބެވެ.

އެގޮތުން ސަންގު ޓީވީ ވަނީ ދެ ކެނޑިޑޭޓުން ވެސް އެބަސްވާ ތާރީހެއްގައި ބަހުސް ކުރިޔަށް ގެންދިއުމަށް ނިންމާފައެވެ.

މިއީ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީ އަށް ތައްޔާރުވުމުގެ ގޮތުން ކެމްޕެއިން ޖަލްސާތަކުގައި ދައްކަވާ ވާހަކައިގެ އިތުރަށް، އެއް ޕްލެޓްފޯމަކުން ދެ ކެނޑިޑޭޓުން ވެސް ބައްދަލުވެ ވާދަވެރި ވާހަކަތަށް ދައްކަވާނެ ފުރަތަމަ ފަހަރަށް ވާނެ އެވެ.

މީގެ ކުރިން ސަންގު ޓީވީން ވަނީ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި ވާދަކުރި  ދެ ކެނޑިޑޭޓުން ކަމަށްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ ބައިވެރިކޮށްގެން ވެސް ފޯރިގަދަ ބަހުސެއް ބާއްވާފައެވެ.

ސަންގު ބަހުސަކީ މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑުގައި ރާއްޖޭގެ އެންމެ މަޤުބޫލު ކަރަންޓު އެފެއާޒް ޕްރޮގުރާމުގެ އެވޯޑު ލިބިފައިވާ ޕްރޮގުރާމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް