އާބާތުރަ ފިލުވަން ދިން މިލިޔަން ރުފިޔާ ސިޓީ ކައުންސިލުން ބޭނުމެއް ނުކުރޭ - އިތުރަށް ދޭން ނިންމި ދެ މިލިޔަން ހޯދަންވެސް މަސައްކަތެއް ނުކުރޭ: މިނިސްޓްރީ

މާލޭ ސިޓީގެ މިސްކިތްތައް އާބާތުރަ ފިލުވަން އިސްލާމިކް މިނިސްޓްރީން ދިން އެއް މިލިޔަން ރުފިޔާ މާލޭ ސިޓީ ކައުންސިލުން ބޭނުން ކޮށްފައި ނުވާކަމަށާއި މިހާރު ދޭން ނިންމާފައިވާ ދެ މިލިޔަން ހޯދަންވެސް އެ ކައު...

13 Jan 2023 | 12:30

މާލޭ ސިޓީގެ މިސްކިތްތައް އާބާތުރަ ފިލުވަން އިސްލާމިކް މިނިސްޓްރީން ދިން އެއް މިލިޔަން ރުފިޔާ މާލޭ ސިޓީ ކައުންސިލުން ބޭނުން ކޮށްފައި ނުވާކަމަށާއި މިހާރު ދޭން ނިންމާފައިވާ ދެ މިލިޔަން ހޯދަންވެސް އެ ކައުންސިލުން މަސައްކަތް ނުކުރާކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީން މިކަން ހާމަކޮށް އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވީ މިސްކިތްތައް ބެލެހެއްޓުން ލާމަރުކަޒުކޮށް 1 އޭޕްރީލް 2019 އިން ފެށިގެން ކައުންސިލްތަކުން ދޭ ޚިދުމަތެއްގެ ގޮތުގައި ކަނޑައަޅައި އެކަން ކައުންސިލްތަކަށް އެންގުމާއި ގުޅިގެން، މިސްކިތްތައް ފޮޅާ ސާފުކުރުމާއި މަރާމާތުކުރުމުގެ އެންމެހައި މަސައްކަތްތައް ހަވާލުކުރެވިފައި ވަނީ ކައުންސިލްތަކަށް ކަމަށެވެ. އަދި މިކަމާއި ގުޅޭ ބަޖެޓުވެސް ދައުލަތުން ދެމުން ގެންދިޔައީ ކައުންސިލްތަކަށް ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައި ވެއެވެ.

ނަމަވެސް މިސްކިތްތަކަށް މަރާމާތުކޮށް އާބާތުރަ ފިލުވުމަށް ކައުންސިލްތަކަށް އެހީތެރިވުމަށް 2020 ވަނަ އަހަރު، މިސްކިތްތަކަށް އެހީވާ ޓްރަސްޓް ފަންޑުން އެއްމިލިއަން ރުފިޔާގެ އެހީއެއް އިސްލާމިކް މިނިސްޓްރީން މާލޭ ސިޓީ ކައުންސިލަށް ދީފައިވާ ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.

އެގޮތުން އިސްލާމިކް މިނިސްޓްރީއާއި މާލެ ސިޓީ ކައުންސިލާއި ދެމެދު އެއްބަސްވެފައިވާ ގޮތަށް މަރާމާތުކުރުމަށް ނިންމާފައިވާ މިސްކިތްތަކުގެ އެންމެހައި މަސައްކަތް ނިމުމުން އެ މަސައްކަތްތައް ހިނގައިދިޔަ ގޮތުގެ ތަފްސީލާ ފައިސާ ހަރަދުކޮށްފައިވާ ގޮތުގެ ތަފްސީލު ސިޓީ ކައުންސިލުން އެ މިނިސްޓްރީއަށް ހުށަހަޅަންވާނެކަމަށް އެ ކައުންސިލަށް އަންގާފައިވާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައި ވެއެވެ.

އަދި ދެފަރާތުން އެއްބަސްވެފައިވާ ކަންކަން ފުރިހަމަކޮށް އެކަން މިނިސްޓްރީއަށް އަންގައި ދިނުމަށް މިނިސްޓްރީން ސިޓީ ކައުންސިލަށް އަންގާފައިވާނެ ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.

ނަމަވެސް ދެ ފަރާތުގެ އެއްބަސްވުމާއި އެއްގޮތަށް މިސްކިތްތައް މަރާމާތުކޮށްފައިވާ ޚަރަދުތަކުގެ ތަފްސީލު ސިޓީ ކައުންސިލުން މިނިސްޓްރީއަށް ހުށަހަޅާފައި ނުވާ ކަމަށާއި މިނިސްޓްރީން ދީފައިވާ އެއްމިލިއަން ރުފިޔާގެ ފައިސާގެ އެހީ ސިޓީ ކައުންސިލުން ބޭނުން ކޮށްފައިވޭތޯ ބެލުމަށް މިނިސްޓްރީން ސިޓީ ކައުންސިލާއި ގުޅުމުން އެ ފައިސާ މިހާތަނަށް ބޭނުންކޮށްފައި ނުވާ ކަމަށް ސިޓީ ކައުންސިލުން މަޢުލޫމާތު ދީފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

ރާއްޖޭގެ ހުރިހާ މިސްކިތްތައް މަރާމާތުކުރުމަށް ކައުންސިލްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މިސްކިތްތައް މަރާމާތުކުރުމަށް ހިނގާނެ ޚަރަދުގެ ތަފްސީލް ކައުންސިލްތަކުން ފޮނުވައި ދިނުމަށް އެދި 20 ޑިސެމްބަރު 2021 ގެ ސަރކިއުލާއިން ސިޓީ ކައުންސިލާއި އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތަކަށް އަންގާފައިވާނެ ކަމަށް މިނިސްޓްރީން ހާމަކޮށްފައި ވެއެވެ.

މިގޮތުން އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މިސަރކިއުލާއާއި ހަވާލާދީ މާލޭ ސިޓީ ކައުންސިލުން މާލޭ ސިޓީގެ މިސްކިތްތަކުގެ މަރާމާތަށް ބޭނުންވާ ޚަރަދުގެ ތަފްސީލުތައް ފޮނުއްވުމުން މާލެ ސިޓީގެ މިސްކިތްތައް މަރާމާތުކުރުމަށް އިސްލާމިކް މިނިސްޓްރީގެ ބަޖެޓުން ދެމިލިއަން ރުފިޔާ ދިނުމަށް ނިންމާފައިވާތީ، މާލިއްޔަތު ޤަވާއިދާއި އެއްގޮތަށް މިސްކިތްތަކުގެ މަރާމާތުގެ މަސައްކަތްތައް ކުރުމަށްފަހު ބިލާއި ކަމާއި ގުޅޭ ލިޔުންތަކާއިއެކު އިސްލާމިކް މިނިސްޓްރީއަށް ހުށަހެޅުމުން ސިޓީ ކައުންސިލުގެ އެކައުންޓަށް ފައިސާ ޖަމާކޮށްދެވޭނެކަމަށް އެ މިނިސްޓްރީން އަންގާފައިވާނެ ކަމަށެވެ.

ފައިސާ ހަމަޖައްސައިދޭނެ ކަމުގެ ޔަޤީން ކަން އިސްލާމިކް މިނިސްޓްރީން ދީފައިވީ ނަމަވެސް، މާލޭ ސިޓީ ކައުންސިލުން މިކަމާއި ގުޅިގެން އިތުރު މުއާމަލާތެއް އިސްލާމިކް މިނިސްޓްރީއާއި ކޮށްފައި ނުވާކަމަށް ވެސް އެ މިނިސްޓްރީން ހާމަކުރެއެވެ.

މީގެ އިތުރުން އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ކަންމިހެން އޮތްނަމަވެސް އެ މިނިސްޓްރީގެ ބަހެއް ނެތި އެ މިނިސްޓްރީ ބަދުނާމުވާގޮތަށް އެކި ފަރާތްތަކުން ހަބަރުތައް ގެނެސް ދިނުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

އަދި ރާއްޖޭގެ މިސްކިތްތައް މަރާމާތުކޮށް އާބާތުރަފިލުވުމަށް ދައުލަތުގެ މާލިއްޔަތު ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް އެ މިނިސްޓްރީން ފޯރޮކޮށްދެވެން ހުރި އެހީތައް އަބަދުވެސް ފޯރުކޮށްދެމުން ގެންދާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް