ވާހަކަ ދެއްކުމުގެ 36 ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ދިވެހި ބަހުގެ އެކަޑެމީއިން ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ އަލްއުސްތާޒް އިބްރާހިމް ޝިހާބުގެ ވާދައިގެ ތަށްޓަށް ބާއްވާ ވާހަކަދެއްކުމުގެ މިއަހަރުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވ...

13 Jan 2023 | 12:25

ދިވެހި ބަހުގެ އެކަޑެމީއިން ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ އަލްއުސްތާޒް އިބްރާހިމް ޝިހާބުގެ ވާދައިގެ ތަށްޓަށް ބާއްވާ ވާހަކަދެއްކުމުގެ މިއަހަރުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެކަޑެމީއިން މި މުބާރާތް ބަހާލައިފައިވަނީ ހަތަރު ބަޔަކަށެވެ. އެގޮތުން ސުކޫލް ދަރިވަރުންގެ ބަޔާއި މަތީ ތައުލީމުގެ ބަޔާއި މުއައްސަސާތަކުގެ ބައިގެ އިތުރުން އަމިއްލަ ފަރާތްތަކުގެ ބަޔަށެވެ. އެގޮތުން މަތީ ތައުލީމުގެ ބަޔާއި މުއައްސަސާތަކަށް ހަމަޖައްސައިފައިވަނީ ބަހުސް ކުރިޔަށްގެންދާގޮތަށެވެ.

މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މުބާރާތުގެ ގަވާއިދުތަކާއި މައުޟޫތައް އަންނާނެ ދާއިރާތަކުގެ އިތުރުން ބައިވެރިވުމަށް ހުށަހަޅަންޖެހޭ ފޯމު ދިވެހި ބަހުގެ އެކަޑެމީންނާއި އެކަޑެމީގެ ވެބްސައިޓުން ލިބެން ހުންނާނެކަމުގައި ބުނެފައިވެއެވެ. އަދި ދިވެހި ސަރުކާރުގެ ގެޒެޓުގައި ކޮށްފައިވާ މުބާރާތުގެ އިއުލާނުގައިވެސް އެމައުލޫމާތުތައް ހިމެނިފައިވެއެވެ.

2023 ގެ މުބާރާތް އަންނަ ފެބުރުއަރީ މަހުގެ 12 އިން ފެށިގެން ކުރިއަށްދާނެކަމުގައި އެކަޑެމީއިން ހާމަކޮށްފައިވެއެވެ. އަދި ބައިވެރިންގެ މައުޟޫތައް މުބާރާތަށް ހަތް ދުވަހަށްވުމުން އެކަޑެމީގެ ވެބްސައިޓުގައި ޝާއިއުކުރެވޭނެކަމުގައިވެސް ބުނެފައިވެއެވެ.

ބައިވެރިވާން އެދޭ ފަރާތްތަކުން ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ފެބްރުއަރީ މަހުގެ ދެވަނަ ދުވަހުގެ މެންދުރު އެއް ގަޑި ސުންމިނެޓެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް