ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަށް ދިން ސައިބަރ ހަމަލާގެ ޒިންމާ ބައިނަލްއަގްވާމީ މަޝްހޫރު ހެކިން ގްރޫޕަކުން އުފުލައިފިއެވެ.
އެ ގްރޫޕަކީ ދުނިޔޭގެ ބޮޑެތި ކުންފުނިތަކުގެ ޑާޓާ ވަގަށްނެގުމަށްފަހު އެ ޑާޓާތައް މެދުވެރިކޮށް އެ ކުންފުނިތައް ބްލެކްމެއިލް ކުރުމާއި އެ ޑާޓާތައް ތިންވަނަ ފަރާތަކަށް ވިއްކާ ގްރޫޕެކެވެ.
އެ ގްރޫޕުން ބުނެފައިވާގޮތުގައި އެމީހުންގެ އަތުގައި އެ ކުންފުންޏަށް ނިސްބަތްވާ 350 ޖީބީގެ ޑާޓާ އެބަ ހުއްޓެވެ. އަދި އެ ޑާޓާތައް ބޭނުންނަމަ އެ ގްރޫޕާ ކޮންޓެކްޓް ކުރުމަށް އެދިފައިވެއެވެ. އަދި އެމީހުންގެ އަތުގައި އެ ޑާޓާތައް ހުރިކަން ސާބިތުކޮށްދިނުމަށްޓަކައި އޭގެން ބައެއް ޑާޓާ، ސާމްޕަލް ޑާޓާގެ ގޮތުގައި އާއްމުންނަށް ދޫކޮށްލާފައިވެސްވެއެވެ. އެ ޑާޓާތަކުގެ ތެރޭގައި އެ ކުންފުނީގެ ކޮންފިޑެންޝަލް ބައެއް މައުލޫމާތުވެސް ހިމެނޭކަން ފާހަގަކޮށްލެވެއެވެ. ދުވަހަށް ވަނީ އެ ސާމްޕަލް ޑާޓާތައް ފެނިފައެވެ.
އެ ގްރޫޕުން މިހާތަނަށް ދުނިޔޭގެ 20 ވަރަކަށް ކުންފުނީގެ ޑާޓާ މިގޮތަށް ހެކްކޮށްފައިވާއިރު އޭގެ ތެރެއިން ބައެއް ކުންފުނިތަކުން އެ ގްރޫޕާއެކު އެ ގްރޫޕުން ބޭނުންވާ ޑީލް ހެދުމުން އެ ޑާޓާތައް އަނބުރާ ރައްދުކޮށްފައިވެއެވެ. އެ ޑީލްތަކާއި ދެކޮޅުހަދާ ކުންފުނިތަކުގެ ޑާޓާ ތިންވަނަ ފަރާތަކަށް ވިއްކާފައިވެއެވެ.
އެ ގްރޫޕުން މިގޮތަށް ޑާޓާ ހޯދި އެންމެ ބޮޑު އެއް ކުންފުންޏަކީ ކޮމްޕިއުޓަރ އާއި އޭގެ އާލާތްތައް އުފައްދާ މަޝްހޫރު އޭއެމްޑީ ކުންފުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް