އިލްމާއި އަހްލާގުގެ މަތީގައި އާ ޖީލެއް ބިނާކުރަން ބޭނުންނަމަ، އަހަރެމެންވެސް ކުރަންވީ ކަމަކީ، ކީރިތި، ޤުރްއާނުގައިވާ މަތިވެރި އަގީދާއާއި، އެ ޤުރްއާނުގައިވާ މަތިވެރި އިލްމު، އަހަރެމެންގެ ޅަދަރީންގެ ހިތްތަކުގައި ބިންވަޅުނަގައި ދިނުންކަމުގައި ހުކުރު ޚުތުބާގައި ބުނެފިއެވެ. މިއަދުގެ ހުކުރު ހުތުބާގައި ބުނެފައިވަނީ އެކަން ކޮށްނުދެވިއްޖެނަމަ، އެއްދުވަހުން އަނެއް ދުވަހަށް، ގައުމު ދާނީ ނިކަމެތި ދަށު ދަރަޖައަށް ވެއްޓެމުން ކަމަށެވެ.
"އިލްމާއި އަހްލާގުގެ މަތީގައި ޖީލެއް ބިނާކުރެވޭނީ، ތައުލީމާއި ތަރުބިއްޔަތުގައި ޤުރްއާނުގެ މަންހަޖަށް ރުޖޫއަވެގެންނެވެ. އެ މަންހަޖަކީ ވިސްނައި ފިކުރުކުރުމުގެ މަންހަޖެވެ. ކީރިތި ޤުރްއާނަށް ފުންކޮށް ނަޒަރު ހިންގުމުން ދޭހަވަނީ، ﷲ ތައާލާ މައުރިފާކޮށް ދެނެގަތުމުގައި އޮތް އެންމެ ފުރިހަމަ މަންހަޖަކީ ވިސްނައި ފިކުރުކުރުމުގެ މަންހަޖުކަމެވެ. އިންސާނާއަށް ﷲ ތައާލާ ދެއްވި އިލްމުގެ ކުޑަކުޑަ މިންވަރުގެ ބޭނުން ހިފައިގެން، ލިބުނު ކުރިއެރުމާއި ތަރައްގީގެ ސަބަބުން އޭނާ ވަނީ އޭނާގެ އަމިއްލަ ނަފްސު ހަނދާންނައްތާލާފައެވެ. އަދި އޭނާ ހެއްދެވި ފަރާތްވެސް ހަނދާން ނައްތާލާފައެވެ. މި ހޯދުނު ކުރިއެރުމުގެ ސަބަބުން އޭނާއަށް ހީވެފައިވަނީ މުޅި ކާއިނާތު އޭނާގެ މުށުތެރެއަށް ލެވިއްޖެހެންނެވެ. އެހެނެއްކަމަކު އަރަހުށި ހުސްތާހިރުވަންތަ ﷲ ތައާލާގެ ބަސްފުޅަށް އިންސާނާ ކަނުލައި އަޑުއެހިނަމަ، އޭނާގެ ނިކަމެތިކަން އޭނާއަށް ވިސްނުނީހެވެ.
ހުކުރު ޚުތުބާގައި ފާހަގަކޮށްފައިވާގޮތުގައި އިލްމާއި އަހްލާގުގެ މަތީގައި ރަނގަޅު ޖީލެއް ބިނާކުރެވޭނީ އަހަރެމެންގެ ދަރިންގެ އުނގެނުމާއި ތަރުބިއްޔަތުގައި، ހުރިހާ ދިމާއަކުންވެސް ޤުރްއާނުގެ މަންހަޖު ހިމަނައިގެންނެވެ. އޭގެ އާތްތަކުގެ މާނަ ބޭރުފުށުން ކިޔަވައިދިނުމުގެ ބަދަލުގައި، އެ އާޔަތްތަކުގައިވާ އިލްމީ ހަގީގަތްތަކާ ހަމައަށް، ކިޔަވާ ކުދިންގެ ވިސްނުން ވާސިލްކޮށްދެވިގެންނެވެ. އެ ހަގީގަތްތަކުގެ މަތީގައި އީމާންކަމުގެ ބިންގާ ހަރުދަނާ ކޮށްދެވިގެންނެވެ. ޤުރްއާނުގައިވާ ވާހަކަތަކުން އިބުރަތް ހާސިލުކޮށްދެވިގެންނެވެ. އޭގައިވާ ސުވަރުގޭގެ އުފާވެރިކަމުގެ އާޔަތްތަކާއި ނަރަކައިގެ ބިރުވެރިކަމުގެ އާޔަތްތަކުގެ ތެރެއިން، ނަފްސާއި ދުޅަހެޔޮކަމާއި، ރޫހާނީ ދުޅަހެޔޮކަމުގެ ތިލަފަތް ހަމަކޮށްދެވިގެންނެވެ. ކީރިތި ޤުރްއާނުގައިވާ އަޅުކަމުގެ ތަރުބިއްޔަތުގެ ތެރެއިން އެ ކުދިންގެ ނަފުސަށް ހަމަހިމޭންކަން ހޯދައިދެވިގެންނެވެ. އޭގައިވާ ހަރާމާއި ހަލާލުގެ މައްޗަށް ދަރިން ހެޔޮގޮތުގައި ހާނުވައި ތަރުބިއްޔަތު ދެވިގެންނެވެ.
މި ހުރިހާ ކަމެއްގެ ތެރެއިން، ﷲ ތައާލާ މައްރިފާކޮށްދެވި، ނުގުޑާފަދަ ތައުހީދުގެ ބިންގަލެއްގެ މަތީގައި ޖީލެއް ތަރުބިއްޔަތު ކުރެވިއްޖެނަމަ، އިސްލާމީ އުއްމަތް އޭގެ އަސްލު މަގާމަށް ރުޖޫއަވެގެން އަންނާނެކަމީ ޝައްކެއް ވަސްވާހެއް އޮތްކަމެއް ނޫންކަމުގައި މިއަދުގެ ހުކުރު ޚުތުބާގައި ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް