4 މަސްދުވަހުގެ ތެރޭގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެހީއާއެކު އެޤައުމުގެ ސިއްހަތު އިދާރާތަކުން ކުރި މިންނެތް މަސައްކަތާއެކު ބޮޑު ޤައުމެއްގައި ގައިންގަޔަށް އަރާ މިފަދަ ނުރައްކާތެރި ބައްޔެއް ފެތުރުން ހުއްޓުވިފައިވުމަކީ ދުނިޔެއަށް އެޤައުމުން ދެއްކި ނަމޫނާއެކެވެ.
އެންމެން އެކުގައި މަސައްކަތްކޮށްފިނަމަ ކިތައްމެ ބޮޑުކަމަކުންވެސް އަރައިގަނެވިދާނެކަން ހާމަކޮށްދިންކަމެކެވެ.
ޔުގާންޑާގައި އެބޯލާ ބަލި ފެތުރުން ކޮންޓްރޯލް ކުރެވިފައިވާ ކަން އިޢުލާނު ކުރުމަށް އެޤައުމުގެ ރަށެއްކަމުގައިވާ މުބާންޑާގައި ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. އަދި، އެ ކަން ރަސްމީކޮށް އިޢުލާނު ކުރެއްވީ އެ ޤައުމުގެ ޞިއްޙަތާ ބެހޭ ވަޒީރު ޖޭން ރުތް އެސެންގެވެ.
އެބޯލާ ވައިރަސް ޑިޒީޒް (އީ.ވީ.ޑީ) ނުވަތަ އެބޯލާއަކީ ޖަނަވާރުންގެ ފުށުން އިންސާނުންގެ ހަށިގަނޑަށް އަރާ ނުރައްކާތެރި ބައްޔެކެވެ. މި ބަލި ފަތުރާ ޖަނަވާރުތަކުގެ ތެރޭގައި ޕޯކިޔުޕައިން، ވާލާއި އަދި ރާމާމަކުނު ޢާއިލާގެ ޖަނަވާރުތައް ހިމެނެއެވެ. އެގޮތުން ހަށިގަނޑުން ބޭރުވާ ދިޔައިގެ ޒަރީޢާއިން މި ބަލި އިންސާނުންގެ ތެރޭގައި ފެތުރެއެވެ.
މިބަލި ޔުގާންޑާއިން އެންމެ ފުރަތަމަ ފެނިފައިވަނީ މުބާންޑާގައެވެ.
ބަލި ފެތުރެން ފެށުމާ އެކު ޔުގާންޑާގެ ރަށްތައް ފުރަބަންދު ކުރި އެވެ. ފުރަބަންދު އުވައިލާފައި ވަނީ ދެ މަސްދުވަސް ފަހުންނެވެ. ޑަބްލިޔު.އެޗް.އޯ.އިން ބުނީ އެ ޤައުމުގައި 142މީހަކަށް ބަލި ފެތުރުނުކަމުގައެވެ.
އެބޯލާ ވައިރަސް ފެތުރެންފެށިތާ 79 ވަނައަށް ވީ ދުވަހު ޑަބްލިޔު.އެޗް.އޯ.އިން ޔުގާންޑާއަށް 5،000 ވެކްސިން ޑޯޒް ފޯރުކޮށްދިނެވެ. އަދި ބަލި ޖެހުނު މީހުންނާއި ކޮންޓެކްޓުވީކަމަށް ބެލެވޭ މީހުން ޓްރެކް ކުރުމުގެ މަސައްކަތުގައިވެސް އެޖަމިއްޔާގެ އެހީތެރިކަން އެޤައުމުގެ ސިއްހީ އިދާރާތަކަށް ފޯރުކޮށްދިންކަމުގައި ރިޕޯޓުތަކުން މައުލޫމާތު ލިބެއެވެ.
ޔުގާންޑާގައި އެބޯލާ ފެތުރުން ކޮންޓްރޯލް ކުރެވިފައިވާ ކަން ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔު.އެޗް.އޯ)އިން ވަނީ ކަށަވަރުކޮށްދީފައިވާއިރު ބޮޑު ޤައުމެއްގައި ގައިންގަޔަށް އަރާ މިފަދަ ނުރައްކާތެރި ބައްޔެއް ފެތުރުން ހުއްޓުވިފައިވަނީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ޔުގާންޑާއިން ފުރިހަމަ މަސައްކަތްތަކެއް ކުރުމުން ކަމުގައި ޑަބްލިޔު.އެޗް.އޯ.އިން ބުނެއެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބައްޔެއް ފެތުރުން ޤައުމަކުން ހުއްޓިފައިވާކަމަށް ބަލައިގަނެ އެކަން އިއުލާނުކުރާނީ 42 ދުވަހުގެ ތެރޭގައި އައު ކޭސްއެއް އެޤައުމަކުން ނުފެންނަ ނަމައެވެ.
ޑަބްލިޔު.އެޗް.އޯގެ ޑިރެކްޓަރ-ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރިއޭސޮސް ވަނީ، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އެ ޤައުމުން ކޮށްފައިވާ މަސައްކަތްތައް ފާހަގަކުރައްވާ، އެ ކަމަށް ތަޢުރީފު ކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް