އެމްޓީސީސީއަށް އެންމެ ބޮޑު މާލީ ފައިދާއެއް ލިބިފައިވަނީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ކަމަށް އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ މިސަރުކާރު އައި އިރު އެކުންފުނި ހިންގަމުން ގެންދިޔައީ މާލީގޮތުން ގެއްލުމުގައި ކަމަށެވެ. އެހެންނަމަވެސް ރައީސްގެ ލަފާފުޅާ އެކު ކޮވިޑު ތެރޭގައި ވެސް އެއް އަހަރެއްގެ ތެރޭގައި އެންމެ ގިނަ މަޝްރޫއުތައް ނިންމި ކުންފުންޏަކީ އެމްޓީސީސީ ކަން އާޒިމް ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން އާޒިމް ވިދާޅުވީ ބޮޑެތި ބްރިޖް އަޅާ ކުންފުންޏަކަށް އެމްޓީސީސީ ވެގެން ދިއުމަށް ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭނުންފުޅުވާ ކަމަށެވެ.
"ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އެކި ސައިޒުގެ ބުރިޖު އެޅޭނެ ގާބިލުކަން ލިބިގެންވާ ކުންފުންޏަކަށް އެމްޓީސީސީ ހެދޭނެ ކަމާމެދު ޝައްކެތް ނެތް. ރައީސް ބޭނުންފުޅުވޭ ބޮޑެތި ބުރިޖް އަޅާ ކުންފުންޏަކަށް އެމްޓީސީސީ ބަދަލުވެގެންދާން. އަޅުގަނޑުމެންގެ ތަސައްވަރަކީ ރައީސްގެ ތަސައްވަރު. އަޅުގަނޑުމެން އެމަގަށް ދިއުމަށްޓަކާ ކުރަންޖެހޭ މަސައްކަތްތައް އިރާދަކުރެއްވިއްޔާ މިހާރު މިދަނީ ކުރަމުން،" އާޒިމް ވިދާޅުވިއެވެ.
މި މޭރުމުން ވާހަކަ ދައްކަވަމުން އާޒިމް އިތުރަށް ވިދާޅުވީ ބުރިޖް އެޅުން ފަދަ މަޝްރޫއުތަކަކީ އާދައިގެ ކުޑަ މަޝްރޫއުތަކެއް ނޫން ކަމަށާއި އެމްޓީސީސީން ރާއްޖޭގެ އެކި ހިސާބުތަކުގައި މިހާރު ވެސް ކުރިއަށްގެންދާ މަޝްރޫއުތަކަކީ ވެސް ބޮޑެތި މަޝްރޫތަކެއް ކަމަށެވެ.
އެވަރުގެ ގާބިލުކަން ހުރި ކުންފުންޏަކަށް އެމްޓީސީސީ ހެދުމަށް ކުރާ މަސައްކަތްތަކުގައި ރައީސް ފުރިހަމަ އެއްބާރުލުން ދެއްވާ ކަމަށް ވެސް އާޒިމް ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް