ދެކޮމަންޑޫ ހިއްކައިދެނީ ރައީސް ޔާމީން: ނަރީޝް

ށ. ކޮމަންޑޫ އާއި އެ ރަށާއި އެއް ފަޅެއްގައި އޮންނަ މަތިކޮމަންޑޫ ގުޅުވާލަދެނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ކަމަށް މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ވިދާޅުވެއްޖެއެވެ...

13 Jan 2022 | 06:48

ށ. ކޮމަންޑޫ އާއި އެ ރަށާއި އެއް ފަޅެއްގައި އޮންނަ މަތިކޮމަންޑޫ ގުޅުވާލަދެނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ކަމަށް މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ވިދާޅުވެއްޖެއެވެ.

ނަރީޝް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނާއި ދިމާކޮށް ށ. ކޮމަންޑޫ އާއި މަތިކޮމަންޑޫ ގުޅާލާ މަޝްރޫޢު އިއުލާނު ކޮށް އެ މަސައްކަތް މިއަދު އެމްޓީސީސީ އާއި ހަވާލުކޮށްފައި ވަނިކޮށެވެ.

ނަރީޝް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދެ ކޮމަންޑޫ ހިއްކަދެނީ ރައީސް ޔާމީން ކަމުގައެވެ. އަދި މަހާ ޖައްރާފާއަކީ ރައީސް ޔާމީންގެ ވެރިކަމުގައި ދައުލަތަށް ހޯދުނު އެންމެ ވަރުގަދަ އެއް އެސެޓް ކަމަށެވެ.

މީގެ އިތުރުން،މަހާޖައްރާފު ނެތްނަމަ އިންތިހާބަށް 23 ދުވަހަށް ވެފައި ވަނިކޮށް ދެ ކޮމަންޑޫ ހިއްކޭނެ އެއްވެސް ގޮތެއް މިސަރުކާރަށް ނުދެއްކުނީސް ކަން ޔަޤީންކަމުގައި ނަރީޝް ވިދާޅުވެފައި ވެއެވެ.

ހަމަ އެހެންމެ ބޮޑު އިސްރާފެއްކަމަށް މި ސަރުކާރުން އިއުލާނު ކުރި މަހާ ޖައްރާފު ވެގެން މިދަނީ މިސަރުކާރުގެ އެންމެ ބޮޑު ކެމްޕެއިން ޓޫލް އަށް ކަމުގައި ނަރީޝް ވިދާޅުވިއެވެ.

މި ދެ ރަށް ގުޅާލާ މަޝްރޫޢު އިއުލާނު ކޮށްފައި ވަނީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ އިން އެ ދާއިރާގެ ގޮނޑި އަށް ވާދަ ކުރާ ކެނޑިޑޭޓުގެ ކެމްޕޭން އިފްތިތާހް ކުރަން ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް އެވެ. އަދި އެއީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ވެވަޑައިގަންނަވާފައިވާ ވަޢުދެއް ކަމުގައި ވިދާޅުވެފައި ވެއެވެ.

އެ ދާއިރާގެ އިންތިހާބުގައި ޕީޕީއެމް އާއި، އެމްއެންޕީ އަދި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ފަރާތުންވެސް ކެނޑިޑޭޓުން ވާދަކުރެއެވެ. ކޮމަންޑޫ ދާއިރާގެ ރަށްތަކަށް ސަރުކާރުން މި ފަހުން ގިނަ މަޝްރޫޢުތަކެއް ފަށަން އިއުލާނުކޮށްފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް