ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށްމިހާރު އުފުލާފައިވާ ވ. އާރަށުގެ މައްސަލައިގެ ޝަރީޢަތް ލައިވްކޮށްދިނުމަށް އެދިއްޖެއްެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އެމަނިކުފާނުގެ ގާނޫނީ ވަކީލުން ދައުލަތުން އެކަމަށް ދެކޮޅޫ ހަދާފައެއް ނުވެއެވެ. އެހެން ނަމަވެސް އެމައްސަލައިގައި ދެން ދައުވާ ލިބޭ ޔޫސުފް ނައީމް ވަނީ ޝަރީޢަތުގައި ހިމެނޭ އޭނާގެ ބައި ލައިވް ނުކުރުމަށް އެދިފައެވެ.
އެކަމަކު ދައުލަތުން ބުނީ ދައުވާ ވަކިނުކުރޭނެ ކަމަށެވެ.
ދައުލަތުން ބުނީ ސުޕްރީމް ކޯޓުގައި ވެސް މިހާރު ސިއްރު އަޑުއެހުންތައް ފިޔަވައި އެހެން އަޑުއެހުންތައް ލައިވް ކުރާކަމަށާއި އެހެންކަމުން ދައުވާ ލިބޭ ފަރާތުން އެދުމަކީ ޝަރީއަތް ލައިވް ނުކުރެވޭނެ ސަބަބެއް ނޫން ކަމަށެވެ.
މިމައްސަލައިގައި މިހާތަނަށް ނުލިބިވާ ލިޔުންތައް ދައުވާ ލިބޭ ފަރާތްތަކުން އަންނަ ބުރާސްފަތި ދުވަހުގެ ކުރިން ކޯޓަށް އެންގެވުން އެދޭ ކަމަށް މައްސަލަ ބައްލަވާ ގާޒީ މިއަދު ވަނީ ވިދާޅުވެފައެވެ.
މިމައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ މިމަހުގެ 27 ވަނަ ދުވަހު އެވެ. އެދުވަހު އޮންނާނީ ދައުވާ އިއްވުމާއި ދައުވާއަށް ޖަވާބުދާރީވުމެވެ.
ގާޒީ ވިދާޅުވީ ޝަރީއަތް ލައިވް ކުރާނަމަ އެދުވަހުގެ ކުރިން އެކަން އަންގާނެ ކަމަށެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އަތޮޅު އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ރައީސް ޔާމީން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު (15.42 މިލިއަން ރުފިޔާ) ނަންގަވައި ލޯންޑާ ކުރެއްވި ކަމުގެ ތުހުމަތު ވަނީ ކޮށްފައެވެ. އެ މައްސަލައިގައި އެމަނިކުފާނު މައްޗަށް ކުރަނީ މަނީ ލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާއެވެ.
މިމައްސަލައިގައި ޔޫސުފް ނައީމްގެ މައްޗަށް ކުރަނީ ރިޝްވަތު ދިނުމުގެ ދައުވާއެވެ.
ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދެދައުވާއިން ކުރެ ދައުވާއެއް ސާބިތުވެއްޖެނަމަ އަނެއްކާ ވެސް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އެމަނިކުފާނަށް ގެއްލޭނެއެވެ.
ރައީސް ޔާމީންގެ މައްޗަށް ކުރިން ޝަރީއަތް ހިންގި ގއ. ވޮޑުމުލާގެ ޝަރީއަތް ކުރިއިރު، މިހާރު ކުރިއަށްދާ ރ. ފުއްގިރި މައްސަލައިގެ ޝަރީއަތް ވެސް ކްރިމިނަލް ކޯޓުން ލައިވް ކުރެއެވެ. ނަމަވެސް އާރަށުގެ މައްސަލައިގެ ޝަރީއަތް މިހައިތަނަށް ލައިވް ކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް