އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް ބަލިކޮށް އިންޓަ މިލާން އިން އިޓާލިއަން ސުޕަރ ކަޕް ކާމިޔާބުކޮށްފި އެވެ.
އިންޓަ މިލާނުން ސުޕަރ ކަޕް ކާމިޔާބު ކުރީ ފައިނަލުގައި ރޭ ވާދަވެރި ޔުވެންޓަސް އާއި ދެކޮޅަށް ކުޅުނު މެޗު 1-2 އިން ކާމިޔާބުކޮށްގެންނެވެ.
ވަރަށް ވާދަވެރި އަދި އެހާމެ ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ދެޓީމުގެ ފަރާތުންވެސް ވަރަށް ހަމަހަމަ ކުޅުމެއް ފެނިގެން ދިޔައިރު، މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޔުވެންޓަސްއިންނެވެ. މެޗުގެ 25 ވަނަ މިނެޓުގައި ޔުވެންޓަސްއިން ލީޑު ނެގި މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މޮރާޓާގެ އެހީތެރިކަމާއި އެކު ވެސްޓަން މެކެނީއެވެ. ޔުވެންޓަސްއިން ކުރިން ލަނޑު ޖަހާ މެޗުގެ ލީޑު ނެގިނަމަވެސް ފުރަތަމަ ހާފު ނިމުގެ ކުރިން އިންޓަ މިލާނުން ވަނީ ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެޓީމުން ޖަހާފައިވަނީ ލިބުނު ޕެނަލްޓީއެއްގައެވެ. އިންޓައަށް ލިބުނު މި ޕެނަލްޓީ އަކީ ޔުވެންޓަސްގެ އޭރިއާ ތެރެއިން އެޑިން ޒެކޯއަށް ޔުވެންޓަސްގެ ޑި ސިގްލިއޯ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. މި ޕެނަލްޓީ ގޯލުގެ ތެރެއަށް ވައްދާލީ އިތުބާރު ފޯވާޑް ލަޓޫރޯ މާޓިނޭޒްއެވެ.
ދެޓީމު އެއްވަރެއްގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު، ފަހު ހާފަށް ކުޅެން ނިމުވެސް ދެޓީމުން ކުޅެމުން ދިޔައީ ވަރަށް ހަމަހަމަ ކުޅުމެވެ. ނަމަވެސް ނަތީޖަ ބަދަލުކޮށްލަން ދެޓީމަށް ވެސް ފުރުސަތު ލިބުނެވެ. އެގޮތުން ޔުވެންޓަސްގެ ބެނާޑެސީއަށް އިންޓަގެ ގޯލު ކުރިމަތިން ލިބުނު ހުސް ފުރުސަތު ފާހަގަކޮށްލެބެއެވެ. ބެނާޑެސީ ފޮނުވާލި މި ބޯޅަ ގޯލާއި އަމާޒުނިވިއެވެ. އިންޓަގެ މާޓިނޭޒްއަށް ވެސް ޔުވެންޓަސްގެ ގޯލުގެ ކުރިމަތިން ހުސް ފުރުސަތެއް ލިބުނެވެ. އޭނާ ހުސްކޮށް ހުރެ ބޮޅުން ފޮނުވާލި ބޯޅަ ކީޕަ މަތަކުރީއެވެ.
ފަހު ހާފުގެ ކުޅުން ނިމުނު އިރުވެސް ދެޓީމު އެއްވަރުވެފައި އޮތުން ނަތީޖާ ނެރެން އިތުރު ވަގުތުގެ ކުޅުމަށް ދިޔައެވެ. އެގޮތުން އިތުރު ވަގުތުގައި ކުޅުނު 15 މިނެޓުގެ ދެ ހާފުގެ ތެރެއިން ފަހު 15 މިނެޓުގެ ކުޅުން ވެސް ނިމުމަކާއި ގާތްވެފައި ވަނިކޮށް އިންޓައިން މެޗުގެ ނަތީޖާ އަނބުރާލީ އެލެކްސިކް ސަންޗޭޒްގެ ހިތްގައިމު ލަނޑުންނެވެ. އޭނާ މި ލަނޑު ޖެހީ ޑާމިއަންގެ އެހީތެރިކަމާއި އެކުގައެވެ.
އިޓާލިއަން ސުޕަރ ކަޕް އެންމެ ގިނައިން ކާމިޔާބު ކުރުމުގެ ޝަރަފު ލިބިފައި ވާ ޔުވެންޓަސް ބަލިކޮށް އިންޓަ މިލާނުން މިއަހަރުގެ ސުޕަރ ކަޕް ކާމިޔާބު ކުރި އިރު، މިއީ އެޓީމުން އިޓާލިއަން ސުޕަރ ކަޕް ކާމިޔާބު ކުރި ހަވަނަ ފަހަރެވެ. އެންމެ ފަހުން މި ތަށި އުފުލާލާފައި ވަނީ ޔުވެންޓަސްއިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް