ސައުދީ އަރަބިއްޔާގައި މިހާރު ކުރިއަށްދާ ސްޕެނިޝް ސުޕަކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލްގައި ރޭ ވާދަވެރި ބާސެލޯނާގެ މައްޗަށް ކުރި ހޯދައި ރެއާލް މެޑްރިޑުން މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.
ސައޫދީ އަރަބިޔާގެ ރިޔާދުގެ ކިންގް ފަހުދް އިންޓަނޭޝަނަލް ސްޓޭޑިއަމުގައި ކުޅުނު މިމެޗް ރެއާލް އިން ކާމިޔާބު ކުރީ 2-3 ގެ ނަތީޖާ އިންނެވެ.
މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ ފުރަތަމަ ހާފްގެ 25 ވަނަ މިނިޓްގައި ޖަހައި ފުރަތަމަ ލީޑް ނެގީވެސް ރެއާލުން ނެވެ. އެހެން ނަމަވެސް މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން ބާސާއިން ވަނީ ލަނޑު ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. ބާސާއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިން މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ 41 ވަނަ މިނެޓުގައި ލޫކް ޑިޔޮންގއެވެ.
ދެ ޓީމު އެއްވަރެއްގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިމުނު ނަމަވެސް މެޗުގެ 72 ވަނަ މިނެޓުގައި ރެއާލުން ވަނީ ދެވަނަ ފަހަރަށް މެޗުގެ ލީޑު ނަގާފައެވެ. ރެއާލަށް ދެވަނަ ފަހަރަށް ލީޑުނަގައިދިން މި ލަނޑު ކާމިޔާބު ކޮށްދިނީ ކަރީމް ބެންޒެމާއެވެ. ބާސާއިން މި މެޗުގައި ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަކުރީ މެޗުގެ 83 ވަނަ މިނެޓުގައި ޒުވާން ފޯވަޑް އަންސު ފަޓީ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. ފަޓީ މި ލަނޑު ކާމިޔާބު ކުރީ އަރިމަތިން ޖޯޑީ އަލްބާ ހުރަސް ކޮށްލި ބޯޅައެއް ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.
ދެ ޓީމު އެއްވަރެއްގައޮ އޮވެ މެޗުގެ ކުޅުން ނިމެން ދަނިކޮށް ރެއާލުން މެޗުގެ ނަތީޖާ އަނބުރާލީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ކުޅުނު އިތުރު ވަގުތުގައެވެ. އެގޮތުން މެޗުގެ 98 ވަނަ މިނެޓުގައި ރެއާލްއަށް ފައިނަލްގެ ޖާގަ ކަށަވަރުކޮށްދިން މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ރޮޑްރިގޯގެ އެހީތެރިކަމާއި އެކު ފެޑެރިކޯ ވަލްވަރުޑޭއެވެ.
ރޭގެ މެޗުން މޮޅުވެ ރެއާލް މެޑްރިޑް މުބާރާތުގެ ފައިނަލަށް ދަތުރުކުރިއިރު، އެޓީމު ފައިނަލުގައި ބައްދަލުކުރަން ޖެހޭނީ ސްޕެނިޝް ސުޕަ ކަޕްގެ ދެވަނަ ސެމީ ފައިނަލްގައި އެތްލެޓިކޯ މެޑްރިޑާއި އެތްލެޓިކް ބިލްބާއޯ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ. ދެވަނަ ސެމީފައިނަލް ކުޅޭނީ މިރޭ ރާއްޖޭ ގަޑިން ދަންވަރު 12 ޖަހާއިރުގައެވެ.
މީގެ ކުރިން ސްޕެނިޝް ސުޕަ ކަޕް ހާއްސަ ކޮށްފައި އޮންނަނީ ސްޕެނިޝް ލީގް ކާމިޔާބު ކުރާ ޓީމަށާއި ސްޕެނިޝް ކަޕްގެ ޗެމްޕިއަން ޓީމު ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ ދެ ލެގް ހިމެނޭ މެޗެއްގެ ގޮތުގަ އެވެ. އެހެން ނަމަވެސް ސައުދީ އަރަބިއްޔާއިން ހުށަހެޅި 120 މިލިއަން ޔޫރޯގެ ސްޕޮންސާޝިޕް ޑީލަކާއި އެކު ތިން އަހަރު ވަންދެން ސްޕެނިޝް ސުޕަ ކަޕް ސައުދީގައި ކުޅޭ ގޮތަށް ސްޕެއިންގެ ފެޑްރޭޝަނުން ވަނީ ހަމަޖައްސާފައެެވެ. މިއީ އެގޮތުން ސައުދީގައި ސްޕެނިޝް ސުޕަރ ކަޕް ބާއްވާ ދެވަނަ ފަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް