ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ރާއްޖެއިން ފުރުން މަނާކޮށް ޕާސްޕޯޓު ހިފަހައްޓަން ކްރިމިނަލް ކޯޓުން ކުރި އަމުރު ހައި ކޯޓުން ބާތިލް ކޮށްފި އެވެ.
ޖިހާދުގެ ޕާސްޕޯޓު ހިފަހައްޓަން ކްރިމިނަލް ކޯޓުން އަމުރު ކުރީ ފުށިދިއްގަރުފަޅު ތަރައްގީކުރަން ބަޔަކަށް ދިން އިރު، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެހެން ގޮތަކަށް އަމަލްކުރެއްވި ކަމަށް ބުނެ އެ ކޯޓުގައި ޖިހާދާއި ދެކޮޅަށް އުފުލާފައިވާ ދައުވާ އާއި ގުޅިގެންނެވެ. މި މައްސަލައިގަ ޖިހާދަށް ދައުވާ ކުރީ އެ ހާދިސާ ހިނގި އިރު ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރަކަށް އެމަނިކުފާނު ހުންނެވުމުންނެވެ.
ޖިހާދު ރާއްޖެއިން ބޭރަށް ވަޑައިގެންނަވަން އުޅުއްވީ ބޭސްފަރުވާ އަށެވެ. އެކަމަކު ޕީޖީ އޮފީހުން ވަނީ ރާއްޖެއިން ބޭރަށް ވަޑައިގެންނެވުމުގެ ހުއްދަ ދީފި ނަމަ ފިލައިގެން ހިނގައިދާނެ ކަމަށް ބުނެ ފުރުމުގެ ފުރުސަތު ނުދިނުމަށް ކްރިމިނަލް ކޯޓުގައި އެދިފައި އެވެ.
މި މައްސަލަ ޖިހާދުގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ބެލުމަށް ފަހު މިއަދު ހައި ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ކްރިމިނަލް ކޯޓުން ޖިހާދުގެ ޕާސްޕޯޓު ހިފަހައްޓާފައިވަނީ ގާނޫނީ އުސޫލުތަކާއި ހިލާފަށް ކަމަށެވެ. އެ ހުކުމުގައި ބުނެފައިވަނީ މީހެއްގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް އެދޭއިރު ގާނޫނީ ގޮތުން ފުރިހަމަ ވާން ޖެހޭ ތިން ކަމެއްގެ ތެރެއިން، އެ އަމުރު ބިނާކުރި ފިިލައިގެން ދާން އުޅޭ ކަމުގެ ހެކި ޖިހާދާ ދެކޮޅަށް ދައުލަތަށް ހުށަހެޅިފައި ނުވާ ކަމަށެވެ.
ޖިހާދު ފުރައިގެން ދާން އުޅޭ ކަމުގެ ހެކި ލިބިފައިވިޔަސް އެއީ އޭނާ ފިލައިގެންދާނެ ކަމުގެ ހެކި ލިބުން ކަމުގައި ނުބެލެވޭނެ ކަމަށް ހައި ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް