ހުޅުމާލޭ ފަޅު ތެރޭގައި އަޅާފައި އޮތް ސަފާރީއެއްގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގަ ތުހުމަތު ކުރެވުނު ދެ މީހަކަށް ދައުވާ ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.
މި މައްސަލައިގަ ތަހުގީގު ނިންމައި ފުލުހުން ޕީޖީ އޮފީހުގައި ދައުވާ ކޮށްދޭން އެދިފައިވަނީ ތިން މީހެއްގެ މައްޗަށެވެ. އެއީ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދުގެ ފިރިކަލުން ލ. ގަން، ތުނޑި، ނޫރަންގެ، އަބްދުﷲ ޝާންގެ އިތުރުން ދައުވާ ނުކުރަން ނިންމި ދެ މީހުންނެވެ.
އެ ދެމީހުންގެ ވަނަވަރެއް ހާމައެއް ނުކުރެ އެވެ. ޕީޖީ އޮފީހުން މިއަދު މީޑިއާގައި ބުނީ އެ ދެމީހުންގެ މައްޗަށް ސަފާރީ ޖިންސީ ގޯނާ މައްސަލައިގަ ދައުވާ ނުކުރަން ނިންމީ ދައުވާ ކުރެވޭވަރަށް ހެކި ނެތިގެން ކަމަށެވެ.
މިމައްސަލައިގަ ޝާންގެ މައްޗަށް ތިން ދައުވާއެއް ދައުުލަތުން އުފުލާފައިވެ އެވެ. އެއީ ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ، އަނިޔާއެއް ދީފާނެކަމުގެ ބިރުދެއްކުމުގެ ކުށުގެ ދައުވާ އަދި ގައިގާ އަތްލުމުގެ ކުށުގެ ދައުވާ އެވެ.
ޕީޖީ އޮފީހުން ބުނީ ޝާންގެ މައްޗަށް ދައުވާ ކުރަން ފޮނުވީ މިމަހުގެ ހަ ވަނަ ދުވަހު އެވެ. މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި ހިނގި މި ހާދިސާގައި ހިމެނޭ މީހުންނަށް ދައުވާ ކުރަން ފޮނުވާފައި މިވަނީ ނުވަ މަސް ފަހުންނެވެ.
ސަފާރީ ޖިންސީ ގޯނާ މައްސަލައަކީ ޝާމިލްވިކަމަށް ތުހުމަތު ކުރެވުނު މީހުންގެ ސަބަބުން ވަރަށް ބޮޑަށް ގައުމު ހިލުވާލި މައްސަލައެކެވެ. ހަމައެއާއި އެކު ވަރަށް އަވަހަށް ވާހަކަދެއްކުން ހުއްޓުނު މައްސަލަ އެކެވެ.
އެ މައްސަލައިގަ ފުރަތަމަ އަަަޑު ފެތުރުނީ އެމީހުން އެ އަންހެން މީހާ ރޭޕް ކުރި ކަމަށް ބުނެ އެވެ. އެކަމަކު ފަހުން އެ އަންހެން މީހާ ވަނީ އޭނާ ރޭޕް ކުރީ ނޫންކަމަށާއި އެމީހުން މަސައްކަތް ކުރީ އޭނާ ގައިގަ ނުރުހުމުގައި އަތްލަން ކަމަށް ބުނެފައި އެވެ.
އެ އަންހެން މީހާ ފަހުން ވަނީ ރާއްޖެއިން ފުރައިގެން ގޮސްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް