ކޯވިޑް-19 ވެކްސިން ލިބޭނެ ވަކި ދުވަހެއް ބުނަން ނޭނގޭ ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.
އެ ސެންޓަރުން މިހެން ބުނެފައި މިވަނީ މީޑިއާގެ ބައެއް ވަސީލަތްތަކުގައި ކޯވިޑް ވެކްސިން މިމަހުގެ ތެރޭގައި ރާއްޖެއަށް ލިބޭނެ ކަން ޔަގީންވެފައިވާ ކަމަށް ބުނެފައި ވަނިކޮށެވެ. ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި މި މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ކޯވިޑް ވެކްސިން ލިބޭނެ އެވެ.
އެކަމަކު އެޗްއީއޯސީން މިއަދު ބުނީ ރާއްޖެއަށް ކޯވިޑް ވެކްސިން ލިބޭނެ ތާރީހަކާއި ގުޅޭ އެއްވެސް މައުލޫމާތެއް އެ ތަނުން ހާމަކޮށްފައި ނުވާނެ ކަމަށެވެ. އެކަމަކު ރާއްޖެއަށް ވެކްސިން ލިބޭނެ ކަމުގެ ޔަގީންކަން އެ ސެންޓަރަށް ލިބިފައިވާތީ އެ ޔަގީންކަން އާންމުންނަށް އަރުވާ ކަމަށެވެ.
އެޗްއީއޯސީން ބުނީ ވެކްސިނާއި ގުޅޭގޮތުން ލިބެމުންދާ ހުރިހާ މައުލޫމާތެއް ހާމަ ކުރަމުންދާނެ ކަމަށެވެ.
ވެކްސިން މިމަހު ލިބޭ ކަމާއި ވެކްސިން ލިބޭނޭ ތަރީހު ކަމަށް ބުނެ މީޑިއާގައި ރިޕޯޓުކޮށްފައިވަނީ ސަރުކާރުގެ އިސް އޮފިޝަލުންނާއި ހަވާލާދީ ކަށަވަރު މައުލޫމާތުތަކެއްގެ ގޮތުގައި އެވެ. އެކަމަކު ނޫސްވެރިން ސުވާލު ކުރުމުން އެޗްއީއޯސީން އެ މައުލޫމާތު ދީފައެއް ނުވެ އެވެ.
އެޗްއީއޯސީން މީގެ ކުރިން ކުރީ ރާއްޖެއަށް ކޯވިޑް ވެކްސިން މިއަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި ލިބޭނެ ކަމަށެވެ. ކޯވިޑް-19 ވެކްސިން ރާޢްޖޭގައި ދިނުމަށް ހަމަޖެހިފައިވަނީ އާބާދީގެ 80 ޕަސެންޓު މީހުންނަށެވެ.
ކޯވިޑް-19 ގެ ވެކްސިނާއި ގުޅިގެން ޑަބްލިއުއެޗްއޯ ބައިވެރިވެގެން އެކުލަވާލާފައިވާ ކޯވިކްސް ފެސިލިޓީ މެދުވެރިކޮށް ރާއްޖޭގެ އާބާދީގެ 20 ޕަސެންޓަށް ހިލޭ ވެކްސިން ލިބޭނެ އެވެ. ދެން ވެކްސިން ދޭން ޖެހޭ އަނެއް 60 ޕަސެންޓު މީހުންނަށް ސަރުކާރުން ކޯވިޑް ވެކްސިން ހިލޭ ޖަހައިދޭނެ އެވެ.
ވެކްސިން ދޭ މީހުންގެ ތެރެއިން ކޯވިކްސް ފެސިލިޓީ މެދުވެރިކޮށް ފުރަތަމަ ލިބޭ ތިން ޕަސެންޓު ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ސިއްހި ދާއިރާގައި މަސައްކަތް ކުރާ މީހުންނާއި، ކޯވިޑްގެ ނުރައްކަލަށް ހުށަހެޅިގެން މަސައްކަތް ކުރަން ޖެހިފައިވާ މީހުންނެވެ. އޭގެ ތެރޭގައި ޑޮކްޓަރުން، ނަރުހުން، ކަށުކަމާކެމީގެ ކަންތައް ކުރާ މީހުން، އާރުއާރުޓީމުތަކުގައި މަސައްކަތް ކުރާ މީހުން، ކުނި ނުވަތަ މަގުމަތި ސާފު ކުރާ މީހުންނާއި ބަލިމީހުން އެއްތަނުން އަނެއް ތަނަށް އުފުލާ މީހުންގެ އިތުރުން ފްރޮންޓްލައިންގައި މަސައްކަތް ކުރާ ފުލުހުންނާއި ސިފައިން އަދި އެނޫން ވެސް މީހުން ހިމެނެ އެވެ.
ދެވަނަ ބުރުގައި ލިބޭ 17 ޕަސެންޓު ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނާއި އުމުރުން 50 އަހަރުން މަތީގެ އާބާދީ އަށެވެ. މީގެ ތެރޭގައި ކެންސަރު ބަލިން މިދިޔަ އަހަރެއް ދުވަހުގެ ތެރޭގައި ރަނގަޅުވެފައި ވީނަމަވެސް އެމީހުންނަށް ވެކްސިން ދޭނެ ކަމަށެވެ.
ރާއްޖޭގައި ކޯވިޑް ވެކްސިން ނުދޭން ނިންމާފައިވާ މީހުންގެ ތެރޭގައި ހިމެނެނީ ކުޑަކުދިންނާއި ސިއްހީ ގޮތުން މައްސަލަނެތް އެޗްޕީއޭއިން ކަނޑައަޅާ ކެޓަގަރީތަކަށް ނުފެތޭ 50 އަހަރުން ދަށުގެ މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް