ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަނާއި ހަވާލު ކުރި އެއްބަސްވުން ބާތިލް ކުރުމުން އެ ކުންފުންޏަށް ގެއްލުމުގެ ގޮތުގައި 111 މިލިއަން ރުފިޔާގެ ބަދަލު ނަގައިދޭން ނުޖެހޭ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
ޒިކުރާ މިސްކިތުގެ އިމާރާތް އަޅަން އެސްޖޭއާ ހަވާލު ކުރީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ނުވައެއް ޖުލައި 2018 ގަ އެވެ. މި އެއްބަސްވުން ބާތިލު ކުރުމުން އެ ކުންފުނިން ބަދަލު ހޯދަން ކޯޓަށް މައްސަލަ ހުށަހެޅީ 2019 ވަނަ އަހަރުގެ އޭޕްރިލް 30 ވަނަ ދުވަހު އެވެ.
އެ ކުންފުނިން ކޯޓަށް ހުށަހެޅި މައްސަލައިގަ އެދިފައިވަނީ އިސްލާމިކް މިނިސްޓްރީއިން އެއްބަސްވުން ބާތިލު ކުރުމަށް ފޮނުވި ނޯޓިސް އަކީ ބާތިލު ނޯޓިސްއެއް ކަމަށް ކަނޑައަޅައިދިނުމަށާއި، އެއްބަސްވުން ބާތިލުކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށެވެ. އެއްބަސްވުން ބާތިލުކުރުމުގެ ސަބަބުން ގެއްލުމުގެ ގޮތުގައި އެ ކުންފުންޏަށް 111 މިލިއަން ރުފިޔާ ނަގައިދިނުމަށްވެސް އެސްޖޭއިން އެދިފައިވެ އެވެ.
އެ މައްސަލައިގައި އިއްޔެ ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ދެ ފަރާތުން ހެދި އެއްބަސްވުން ބާތިލު ކުރުމަށް އިސްލާމިކް މިނިސްޓްރީއިން ނޯޓިސް ފޮނުވާފައި ވަނީ އެއްބަސްވުމުގައިވާ ގޮތާ ހިލާފަށް ކަމަށް ބެލެވެން ނެތް ކަމަށެވެ. ހުކުމުގައި ބުނީ އެސްޖޭއިން ހޯދުމަށް އެދިފައިވާ ބަދަލު ސާފުކޮށްދެވިފައި ނުވާތީ އާއި ބަދަލަކީ އެއްބަސްވުމުގެ ދަށުން އެސްޖޭއަށް ލިބެން ޖެހޭ ފައިސާގެ ގޮތުގައި ހޯދުމަށް އެދިފައިވާ ބަދަލަކަށް ނުވާތީ، އެ ބަދަލު ނަގައިދެވެން ނެތް ކަމަށެވެ.
އެކަމަކު އިސްލާމިކް މިނިސްޓްރީން އެ ކުންފުންޏާއި އެކު ހަދާފައިވާ އެއްބަސްވުން އުވާލީ ދައުލަތުގެ މާލިއްޔަތު ގަވައިދާ އެއްގޮތަށް ކަމަށް ބެލެވެން ނެތް ކަމަށްވެސް ބުނެފައިވެ އެވެ.
އެ އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށްނުގެންދާ ކަމަށް ބުނެ މި ސަރުކާރުގެ އިސްލާމިކް މިނިސްޓްރީއިން އެއްބަސްވުން ބާތިލު ކުރީ ސްޓްރަކްޗާ އަދި އާކިޓެކްޗުރަލް ކުރެހުން އެއްބަސްވެފައިވާ މުއްދަތުގައި ހުށަހަޅާފައި ނުވާ ކަމަށް ބުނެ އެވެ.
މި މަޝްރޫއު އެސްޖޭ ކޮންސްޓްރަކްޝަނާއި ހަވާލު ކުރުމުގައި ކޮރަޕްޝަނަށް މަގުފަހި ވާގޮތަށް އަމަލުކޮށްފައިވާތީ އޭރުގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދުގެ މައްޗަށް ދައުވާ ކުރަން ކްރިމިނަލް ކޯޓަށް ވަނީ ފޮނުވާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް