ކޯވިޑް-19 ގެ ކޭސްތަކެއް ފެނިގެން މޮނިޓަރިންއަށް ލާފައި އޮޮތް ގއ. ދެއްވަދޫއަށް އެ އަތޮޅުގެ އެކި ރަށްރަށުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި އެވެ.
ރަށް މޮނިޓަރިންއަށް ލުމުން ރަށަށް އަރައި ފައިބާ ހެދުމަކީ މަނާ ކަމެކެވެ. މި ފަދަ ހާލަތެއްގައި އެންމެ އުނދަގޫ ވަނީ އާންމުންނަށް ބޭނުންވާ ޒަރޫރީ ތަކެތި ރަށަށް ހަމަކޮށްފައި ބެހެއްޓުމެވެ.
ދެއްވަދޫއަށް ތަކެތީގެ ދަތިކަށް ދިމާވެދާނެތީ ގއ. އަތޮޅު ކައުންސިލުން ވަނީ އެ އަތޮޅުގެ ހުރިހާ ރަށްރަށަކަށް ދެއްވަދޫއަށް އެހީ ފޯރުކޮށްދިނުމުގެ ފުރުސަތު ހުޅުވާލާފައި އެވެ. އަދި އެހީތެރިކަން ފޯރުކޮށްދިނުމަށް އިސްނެގުމުގެ ގޮތުން ގއ. އަތޮޅު ކައުންސިލުން ވަނީ ދެއްވަދޫއަށް 100 ކޭސް ފެން ހަދިޔާކޮށްފައި އެވެ.
އެ އަތޮޅު ކައުންސިލުން ބުނީ އެ ރަށަށް އެހީ ދޭ ބޭނުންވާ ފަރާތްތަކުން 7330028 ނަމްބަރަށް ގުޅުމުން ހަމަޖެހޭނެ ކަމަށެވެ.
އަތޮޅު ކައުންސިލްގެ އިތުރުން ގދ. ތިނަދޫގެ އެކި ޖަމިއްޔާތައް ގުޅިގެން ވަނީ 300 ފެން ކޭސް އެ ރަށަށް ހަދިޔާކޮށްފައި އެވެ. އަދި އެމްޑަބްލިއުއެސްސީންވެސް އެރަށަށް ފެން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ދީފައިވާއިރު މިފްކޯއިން ވަނީ 50 ކޭސް ދަޅުމަސް ހަދިޔާކޮށްފައި އެވެ.
ދެއްވަދޫ ކައުންސިލުން މީޑިއާގައި ބުނީ ކުރިޔަށް އޮތް ހަފްތާއެއްހާ ދުވަހަށް ވާވަރަށް އެ ރަށުގެ ފިހާރަތަކުގައި ޒަރޫރީ ތަކެތި އެބަހުރި ކަމަށެވެ.
ދެއްވަދޫގައި މިހާތަނަށް24 މީހަކު ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވެ އެވެ. އަދި އެ ރަށާއި ގުޅުން ހުރި ދެ ކޭސް ހުޅުމާލޭގައި އަދި ލ. ފޮނަދޫގައި ހަތަރު ޕޮސިޓިވް ކޭސް އެބަ ހުއްޓެވެ.
އެޗްއީއޯސީން ބުނީ އެ ރަށުގައި ކޯވިޑް ފެތުރޭތާ ދުވަސްކޮޅެއް ވެދާނެ ކަމަށް ބެލެވޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް