"މަލިކާ" ގެ ޕޯސްޓަރ އަދި އޮފިޝަލް ޓްރެއިލަރ ލޯންޗް ކޮށްފި

ބިންމާ އިބްރާހިމް ވަހީދުގެ ތަފާތު، އަސަރުގަދަ ސްކްރީން ޕްލޭ އަކަށް ބިނާކޮށް 'އެސް' އެންޓަރޓެއިންމެންޓުން އުފައްދާފައިވާ ދިވެހި ފިލްމު "މަލިކާ" ގެ ޕޯސްޓަރ އަދި އޮފިޝަލް ޓްރެއިލަރ ރޭގައި ލޯންޗްކޮށްފިއެވ...

13 Jan 2017 | 06:09

ބިންމާ އިބްރާހިމް ވަހީދުގެ ތަފާތު، އަސަރުގަދަ ސްކްރީން ޕްލޭ އަކަށް ބިނާކޮށް 'އެސް' އެންޓަރޓެއިންމެންޓުން އުފައްދާފައިވާ ދިވެހި ފިލްމު "މަލިކާ" ގެ ޕޯސްޓަރ އަދި އޮފިޝަލް ޓްރެއިލަރ ރޭގައި ލޯންޗްކޮށްފިއެވެ.

ރޭ ސީކްރެޓް ރެސިޕީ ގައި މިކަމާއި ގުޅޭ ގޮތުން ބޭއްވުނު ޚާއްސަ ޚަފްލާގައިވަނީ މިފިލްމުގެ ޕާޓްނަރުންނާއެކު ސޮއި ވެސް ކޮށްފައެވެ.

ދިވެހި ފިލްމު "މަލިކާ" ގެ ޕޯސްޓަރާއި ޓްރެއިލަރ ރޭ ލޯންޗު ކޮށްފައިވާ އިރު، މިފިލްމަކީ އެސް އެންޓަރޓެއިންމެންޓް ގެ ލިލީގެ ޗައާރމަން މައްލާ ނާސިރު (މައްލާ ނާބެ) އާއި އިބްރާހިމް ރަޝީދު (ޓީވީއެމް އިއްބެ) ޕްރޮޑިއުސް ކޮށްފައިވާ ފިލްމެކެވެ.

މިފިލްމު ޑައިރެކްޓް ކޮށްފައިވަނީ ޤައުމީ ފިލްމު އެވޯޑްސްގައި އެންމެ މޮޅު ޑައިރެކްޓަރ އަދި އެންމެ މޮޅު ސްކްރީންޕްލޭގެ އެވޯޑް އުފުލާފައިވާ ޑައިރެކްޓަރ މޫމިން ފުއާދު އާއި އަލީ މުސްތަފާ (ސެމީ) ގެ އިތުރުން ޤައުމީ ފިލްމު އެވޯޑްސްގައި އެންމެ މޮޅު ފިރިހެން އެކްޓަރގެ މަޤާމު ހޯދި އިސްމާއިލް ރަޝީދު (ކޮޮޕީ އިއްސެ) އެވެ.

ފިލްމުގެ މުހިންމު އެއް ރޯލު ކަމަށްވާ 'ބައްޕަ' ގެ ރޯލުން ފެނިގެންދަނީ އިސްމާއިލް ޒާހިރު އެވެ. ސަޕޯޓިންގް އެކްޓަރުންގެ ގޮތުގައި އަޒީފާ، ޖުމައްޔިލް، ދޮން އައްޔަ، ނީނާ ސަލީމް، އާޒިމް، އަދި ސުޖާތާ ޢަބްދުﷲ ފަދަ ތަޖުރިބާކާރު ތަރިން ފެނިގެންދާއިރު، ދެން އެންމެ މުހިންމު ލީޑް ރޯލެއް ކުޅެފައިވަނީ، ދިވެހި ފިލްމީ ދާއިރާ އަށް މުޅިން އަލަށް ތަޢާރަފްވާ ބަތަލާއެއް ކަމަށްވާ ނުޒުހަތު ޝުއޭދު އެވެ.

ފިލްމުގެ ޓްރެއިލަރ ލޯންޗު ކުރުމަށްފަހު މިފިލްމުގެ މާކެޓިންގް ކަންކަމާއި ހަވާލުވެގެން ހުރި، ފިލްމު 'ލޫދިފާ' ގެ ޕްރޮޑިއުސަރ ޙުސެއިން ނޫރައްދީން (ނޫރު) ބުނީ މިފިލްމަކީ ރާއްޖޭގަައި މިހާރު ދިމާވެފައިވާ އިޖުތިމާޢީ މައްސަލައަކަށް ބިނާކޮށް ހަދަފައިވާ ފިލްމެއް ކަމަށެވެ.

މީގެ އިތުރުން ނޫރު ބުނެފައިވަނީ "ފިލްމު މަލިކާ އިން ފެނިގެންދާނީ ދާއިރާގެ މުސްތަގްބަލްގެ ގޮތުގައި ފެންނަން ތިބި ތަރިންތަކެއް. ދާއިރާގެ ކުރީގެ މަސައްކަތްތަކެއް ކުރި މީހުން ނުކުމެ މުސްތަގްބަލް ކުރިއަރުވަން ކުރާ މަސައްކަތް،" ކަމަށެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ފިލްމުގެ މަސައްކަތް އެއްކޮށް ނިމިފައިވާއިރު، ދިވެހި ފިލްމު "މަލިކާ" މިއަހަރުގެ މާރޗް މަހުގެ ދެ ވަނަ ދުވަހު އޮލިމްޕަސް ސްކްރީންގައި އެޅުވުމަށްވަނީ ހަމަޖެހިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް