އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

ގދ.ތިނަދޫގެ ހުޅަނގުން 323 ނޯޓިކަލް މޭލު ބޭރުން ދަތުރުކުރަނިކޮށް އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މިރޭ މާލެ ގެނެސްފިއެވެ. މި ހާދިސާގައި އަލިފާން ރޯވި ބޯޓުގައި ތިބި 10 ފަޅުވެރިން މާލެ ގެނެސ...

13 Jan 2017 | 04:59

ގދ.ތިނަދޫގެ ހުޅަނގުން 323 ނޯޓިކަލް މޭލު ބޭރުން ދަތުރުކުރަނިކޮށް އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މިރޭ މާލެ ގެނެސްފިއެވެ.

މި ހާދިސާގައި އަލިފާން ރޯވި ބޯޓުގައި ތިބި 10 ފަޅުވެރިން މާލެ ގެނެސްފައިވަނީ މިރޭ 01:15 ހާއިރު، އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ޣާޒީގައެވެ.

އެމްއެންޑީއެފުން ހާމަކުރާގޮތުގައި "މާކޯ ޕޯލޯ 2" ނަމަކަށް ކިޔާ މި ބޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މަޢުލޫމާތު މިދިޔަ އަންގާރަ ދުވަހުގެރޭ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބުމާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑްގެ ތިން އުޅަނދަކާއި، ވައިގެ މަގުން މޯލްޑިވިއަންގެ ފުލައިޓެއްގައި ކޯސްޓްގާޑުގެ ސިފައިން ވަނީ އެމީހުން ހޯދުމުގެ މަސައްކަތް އެ ސަރަޙައްދުގައި ކޮށްފައެވެ.

މި މީހުން ފެނިފައި ވަނީ އަލިފާން ރޯވި ބޯޓުން ދަތުރުކުރި މީހުން ހޯދުމަށް އީ-ފިޝް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ އެޓޯލް ޓޫނާ ކުންފުނީގެ ދެ ބޯޓްގެ ތެރެއިން "ސްޕެއަރ 10" ނަމަކަށް ކިޔާ ބޯޓަކަށް މިދިޔަ ބުދަ ދުވަހުގެ ހަވީރު 16:30 ހާއިރު ކަމުގައި އެމްއެންޑީއެފުން ބުނެ އެވެ.

އެ ބޯޓުން ދަތުރުކޮށްފައިވަނީ އިންޑޮނޭޝިއާގެ ނުވަ މީހަކާއި ދިވެއްސެކެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމުގައިވެސް އެމްއެންޑީއެފުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް