ވެސްޓް ޕާކް މައްސަލައިގައި ޔޮޓް ޓުއާސްއަށް ބަދަލުދޭން ނުޖެހޭނެކަމަށް ހުކުމްކޮށްފި

ވެސްޓް ޕާކު ހިންގާ ބިން ކުއްޔަށް ދިނުމަށް ޔޮޓް ޓުއާސް އާ އެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ސިޓީ ކައުންސިލުން އަމަލުކޮށްފައި ވަނީ އެއްބަސްވުމާ ހިލާފަށް ކަމަށް ސާބިތު ނުވާތީ ބަދަލު ދޭން...

13 Jan 2015 | 08:40

ވެސްޓް ޕާކު ހިންގާ ބިން ކުއްޔަށް ދިނުމަށް ޔޮޓް ޓުއާސް އާ އެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ސިޓީ ކައުންސިލުން އަމަލުކޮށްފައި ވަނީ އެއްބަސްވުމާ ހިލާފަށް ކަމަށް ސާބިތު ނުވާތީ ބަދަލު ދޭން ނުޖެހޭނެ ކަމަށް ހުކުމްކޮށްފި އެވެ.

ސިވިލް ކޯޓުން އެގޮތަށް ހުކުމް ކުރީ ޔޮޓް ޓުއާސް އިން ސިޓީ ކައުންސިލްގެ މައްޗަށް ދައުވާ އުފުލީ އެއްބަސްވުމުގެ މުއްދަތު އިތުރު ކުރުމުގެ ފުރުސަތު އޮވެމެ، އެ ހައްގު ސިޓީ ކައުންސިލުން ނިގުޅައި ގެންފައި ވާތީ ކައުންސިލްގެ މައްޗަށް އެގޮތަށް އަމަލު ނުކުރުމަށް އަމުރުކޮށް ދިނުމަށްއެދުމުންނެވެ.

ހުކުމްގައި ބުނެފައި ވަނީ 30 ޖޫން 2005ގައި ވެސްޓް ޕާކު ކުއްޔަށް ދިނުމަށް ޔޮޓް ޓުއާސް އާ އެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، އެ އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމަށް މުއްދަތު ހަމަވުމުގެ ހަ މަސް ދުވަސް ކުރިން، ޔޮޓް ޓުއާސް އިން ސިޓީ ކައުންސިލާ އެކު މަޝްވަރާކޮށްފައިވާ ކަން ސާބިތު ވެފައި ނުވާކަމަށެވެ. އެހެންކަމުން ޔޮޓް ޓުއާސް އަށް ދީފައިވާ ހައްގެއް، މާލޭ ސިޓީ ކައުންސިލުން ނިގުޅައިގަންނަން މަސައްކަތް ކޮށްފައިވާ ކަން ކޯޓަށް ސާބިތު ނުވާ ކަމަށް ކޯޓުގައި ބުނެފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާސް އިން ހިންގަމުން އައި ވެސްޓްޕާކް ހުރި ބިން، ތަރައްގީކޮށްގެން ހިންގުމަށް މާލޭ ސިޓީ ކައުންސިލުން ވަނީ، ކުރީގެ ޓެނިސް ކުޅުންތެރިޔާ އާމިރު މަންސޫރަށް 10 އަހަރު ދުވަހަށް، 2012 ވަނަ އަހަރު ކުއްޔަށް ދީފަ އެވެ. ނަމަވެސް ކޯޓުން އެ މައްސަލައިގައި ވަކިގޮތެއް ނުނިންމާތީ ޔޮޓް ޓުއާސް އިން އެ ޕާކު ދޫކޮށްލާފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް