ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް ކުރަމުން އަންނާތީ ފަރުކޮޅުފުއްޓާއި ޝެރަޓަން މޯލްޑިވްސް ފުލް މޫން ރިސޯޓާ ދެމެދު އޮންނަ ކަނޑުއޮޅިން ދަތުރުކުރުން މަނާކޮށްފި އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީންނެރުނު އިއުލާނެއްގައި ބުނެފައިވަނީ އެ ދެ ރަށް ހިމެނޭ ސަރަހައްދަކީ ހުޅުމާލެ ހިއްކުމަށް ބޭނުން ކުރާ ކޮންނަ ބޯޓު ވެލި ހިފައިގެން ކައިރި ކުރުމަށްކަނޑައަޅާފައިވާ ސަރަހައްދު ކަމަށެވެ. އެހެންވެ އެ މަސައްކަތް ނިމި، ބޯޓު ފުރުމާ ހަމައަށް ފަރުކޮޅުފުއްޓާއި ފުލް މޫން ރިސޯޓާ ދެމެދުގައި އޮންނަ ކުޑަކަޅި ކަނޑުއޮޅިން ދަތުރުކުރުން މަނާކޮށްފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
ފުލްމޫން ރިސޯޓާއި ފަރުކޮޅުފުށި ހިމެނޭ ސަރަހައްދުން ދަތުރުކުރުން މަނާކުރި އިރު ހުޅުމާލެ ހިއްކުމުގެ މަސައްކަތް ނިމޭނީ ދެމަސްދުވަހުން ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ވަނީ ބުނެފައި އެވެ.
"މި ސަރަހައްދުން ދަތުރުކުރާ ހުރިހާ އުޅަނދުފަހަރު ދަތުރުކުރުމުގައި ސަމާލުކަންދީ، މި ޑްރެޖަރުގެ ދަތުރުތަކަށް ހުރަސްނޭޅޭނެ ގޮތަށް ތަންދީ ފަރުވާތެރިކަމާ އެކު ދަތުރުކުރެއްވުމަށް އަންގާ އިއުލާން ކުރީމެވެ،" ޓްރާންސްޕޯޓު އޮތޯރިޓީގެ އިއުލާންގައިވެ އެވެ.
ހުޅުމާލޭ ދެ ވަނަ ފިޔަވަހި ހިއްކުމުގެ އަމަލީ މަސައްކަތް، އެ މަޝްރޫއު ހަވާލުކޮށްފައިވާ ބެލްޖިއަމްގެ ކުންފުނިން ފެށީ މިދިޔަ އާދިއްތަ ދުވަހު އެވެ.
މި މަޝްރޫއުގެ ދަށުން 240 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވަނީ ކަނޑުގެ ތިން ސަރަހައްދަކުން ވެލި ނަގައިގެންނެވެ. އެއީ ގުޅިފަޅު ކައިރީ ކަނޑުންނާއި ހުޅުމާލޭ ކައިރީ ކަނޑުގެ ދެ ސަރަހައްދަކުންނެވެ.
އެޗްޑީސީން ބުނެފައިވަނީ މަސައްކަތް މިހާރު ކުރިޔަށް ދާގޮތުން ޕްލޭން ކުރެވިފައިވާގޮތަށް ކަނޑައެޅިފައިވާ ތާރީހަށް ނިންމާލެވޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް