މުލިއާގެއިން ފެނުނު ރާފުޅި ތަކުގެ ތަފްސީލް ހޯދަން ސިޓިއެއް ފޮނުވައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުން އިސްތިއުފާދެއްވާ މުލިއާގެއިން ނިކުމެވަޑައިގެން ފަހުން އެގެއިން ފުލުހުންނަށް ފެނުނު ރާފުޅިތަކުގެ ތަފްސީލް ހޯދަން އަމިއްލަ ފަރާތަކުން ސިޓީއެއް ފޮނުވައިފި އެވެ....

13 Jan 2015 | 04:30

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުން އިސްތިއުފާދެއްވާ މުލިއާގެއިން ނިކުމެވަޑައިގެން ފަހުން އެގެއިން ފުލުހުންނަށް ފެނުނު ރާފުޅިތަކުގެ ތަފްސީލް ހޯދަން އަމިއްލަ ފަރާތަކުން ސިޓީއެއް ފޮނުވައިފި އެވެ.

ގއ. ކޮލަމާފުށީ، އައްސޭރި ވާދީ، މުހައްމަދު އަލީ އެ ސިޓީ ފޮނުވާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށާއި، ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދަށާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމަށެވެ.

އެ ސިޓީގައި އޭނާ އެދިފައިވަނީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން 7 ފެބުރުއަރީ 2012 ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވި ގެކޮޅު ކަމައްވާ މުލިއާގެއިން ފެނުނު ރާފުޅިތަކުގެ ތަފްސީލު މައުލޫމާތު ލިބޭނެގޮތް ހަދައިދިނުމަށެވެ.

އެކަމާ ގުޅިގެން އެމްއެންޑީއެފުން އެއްޗެއް ބުނެފައިނުވާއިރު ފުލުހުން ބުނީ އެ މައްސަލައަކީ ފުލުހުން ބަލަމުންދާ މައްސަލައަކަށް ވާތީ މައުލޫމާތުހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން އެ މައުލޫމާތުތައް ހާމަކުރެވެން ނެތްކަމަށެވެ.

މުލިއާގެއިން ރާފުޅިތައް ފެނުނު މައްސަލަ ތަހުގީގު ކުރުމަށް ފަހު ފުލުހުން ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ދެފަހަރު ފޮނުވި އެވެ. ނަމަވެސް އެ އޮފީހުން ވަނީ މައުލޫތތު ފުރިހަމަ ނުވާކަމަށް ބުނެ އަނބުރާ ފޮނުވާލާފައި އެވެ.

ފުލުހުން ބުނެފައި ވަނީ ރައީސްކަމުން ނަޝީދު އިސްތިއުފާ ދެއްވި ދުވަހު، މުލިއާގެ އިން ނެރުނު ކުނިތަކެއްގެ ތެރެއިން ބަނގުރާ ކަމަށް ތުހުމަތު ކުރެވޭ 40 ފުޅި އާއި ހޭޝް އޮއިލް ބޭނުންކޮށްފައި ހުރި ކަމަށް ތުހުމަތުކުރެވޭ ބައެއް ތަކެތި ފެނިފައިވާ ކަމަށެވެ. އަދި އެ ތަކެތި ފުލުހުން ވަނީ މީޑިއާ އަށް ވެސް ދައްކައިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް