ލައިވް ކޮންޓެންޓެއްގައި ކީރިތި ޤުރްޢާނުން ބައެއް އުނިވެފައިވަނީ އެޑިޓް ކުރުމުގެ ސަބަބުން ނޫން ކަމަށާއި އެއީ އެއް ކޮންޓްރޯލް ރޫމުން އަނެއް ކޮންޓްރޯލް ރޫމަށް ބަދަލުކުރުމުގެ ތެރޭގައި ހިނގި ކަމެއް ކަމުގައި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ބުނެފިއެވެ.
ޕީއެސްއެމް އިން މިހެން ބުނެފައިމިވަނީ ރައީސް ރަސްދޫއަށް ވަޑައިގެންނެވި ދަތުރުފުޅުގައި އެ ރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައި ކިޔެވި އާޔަތްތަކުގެ ތެރެއިން ފާސިގަކު ހަބަރަކާއިގެން އަތުވެއްޖެނަމަ އެކަމުގެ ތެދުދޮގު ބެލުމަށް އަންގަވާފައިވާ އާޔަތުގެ ފާސިގު އެލަފުޒު އުނިކޮށްފައިވާ ކަމަށްބުނެ ފާޑުކިޔުން އަމާޒުވަމުން އަންނަ ދަނޑިވަޅެއްގައެވެ.
ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ސައީދާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ދެއްވި ބަސްދީގަތުމެއްގައި އޭނާ ވިދާޅުވެފައިވަނީ ޕަބްލިކް ސާވިސް މީޑީއާއިން ގެނެސްދިން ކޮންޓެންޓެއްގަ ކީރިތި ޤުރުއާނުގެ ބައެއް އުނިވެފައިވާތީ މި ކުންފުނީގެ ފަރާތުން ދިވެހި ހުރިހާ ރައްޔިތުންގެ ކިބައިން މާފަށް އެދޭކަމަށާއި ޕަބްލިކް ސާވިސް މީޑިއާގެ ޗެނަލްތަކުން ލައިވްކޮށް ގެނެސްދިން ކޮންޓެންޓެއްގައި ކީރިތި ޤުރުއާނުން ބައެއް އުނިވެފައިވާތީ އެކަން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި މި ކުންފުނީގެ އިސް މުވައްޒަފުން ހިމެނޭ ކޮމިޓީއަކުން ވާނީ ބަލާފައި ކަމަށެވެ.
"ޗެނަލްތަކުން ލައިވްކޮށް ގެނެސްދިން ކޮންޓެންޓްގައި ކީރިތި ޤުރުޢާނުގެ ބައެއް އުނިވެފައިވަނީ އެޑިޓް ކުރުމުގެ ސަބަބަކުން ނޫން އެފަދަ ކަމެއް ދުވަހަކުވެސް މި ކުންފުނިން ނުކުރާނެ އެފަދަ ކަމެއް ދިމާވީ މި ދެންނެވި ކޮންޓެންޓް އެއް ކޮންޓްރޯލް ރޫމުން އަނެއް ކޮންޓްރޯލް ރޫމަށް ބަދަލުކުރުމުގެ ތެރޭގަ" މެނޭޖިން ޑިރެކްޓަރ ސައީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ލައިވްކޮށް ގެނެސްދޭ ޕްރޮގްރާމެއްގެ ސިގްނަލް އެއް ކޮންޓްރޯލް ރޫމުން އަނެއް ކޮންޓްރޯލް ރޫމަށް ބަދަލުކުރުމަކީ އާންމުގޮތެއްގައި ކުރާކަމެއް އެހެންނަމަވެސް އެފަދަ ހާލަތްތަކުގައި ސިގްނަލް ބަދަލުކުރަނީ މީހަކު ވައްކާ ދައްކާ ގަޑިއެއްގައެއް ނޫން ކަމަށެވެ. އެހެންނަމަވެސް މި ދެންނެވި ލައިވް ކޮންޓެންޓް އެއް ކޮންޓްރޯލް ރޫމުން އަނެއް ކޮންޓްރޯލް ރޫމަށް ބަދަލުކުރެވުނީ ކީރިތި ޤުރްޢާން ކިޔަވަމުންދަނިކޮށް ކަން ސައީދު ފާހަގަކުރެއްވިއެވެ. އަދި އެ ކުންފުނީގެ ޗެނަލްތަކުން ގެނެސްދިން ކީރިތި ޤުރްޢާނުގެ ބައެއް އުނިވެފައިވާތީ އެ ވަގުތު ކޮންޓްރޯލް ރޫމުގައި ތިބި މުވައްޒަފުން މިހާރު ވާނީ މަސައްކަތުން އެކަހެރި ކުރެވިފައިކަންވެސް ސައީދު ފާހަގަކުރެއްވިއެވެ.
ސައީދު އިތުރަށް ވިދާޅުވީ ޕަބްލިކް ސާވިސް މީޑިއާގެ ޗެނަލްތަކުން ގެނެސްދިން ލައިވް ކޮށްނެކްޓެއްގައި ކީރިތި ޤުރްޢާނުގެ ބައެއް އުނިވެފައިވަނީ އެޑިޓްކުރުމުގެ ސަބަބުންތޯ ބަލައިދިނުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް މިހާރު ވާނީ ސިޓިއެއް ފޮނުވާފައިކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް