ކުރިއަށް އޮތް ބައި އިލެކްޝަންގައި މާލޭ ސިޓީގެ މޭޔަރު ކަމަށް ވާދަކުރެއްވުމަށް އާދަމް އާޒިމް ފޯމު ހުށަހަޅުއްވައިފިއެވެ.
ނިމިދިޔަ ވެރިކަމުގައި އެމްޓީސީސީގެ ސީއީއޯކަން ކުރެއްވި އާދަމް އާޒިމް ފޯމު ހުށަހެޅުއްވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
އާޒިމް ފޯމު ހުށަހެޅުއްވިއިރު ސިޓީ ކައުންސިލްގައި ހުސްވެފައިވާ އެހެން ދާއިރާތަކަށްވެސް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ބޭފުޅުން މިއަދު ފޯމު ހުށަހެޅުއްވިއެވެ. އެއީ މެދުހެންވޭރު ދާއިރާއަށް އަހްމަދު ރިޝްވާން ރަޝީދު، ހެންވޭރު ދެކުނު ދާއިރާއަށް ހައްވާ ނިހްލާ އަދި މާފަންނު ދެކުނު ދާއިރާއަށް އަހްމަދު އިމްރާނެވެ.
މޭޔަރުގެ މަޤާމު ހުސްވެފައިވަނީ ކުރިން އެ މަޤާމުގައި ހުންނެވި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައީސްކަމުގެ ހުވާ ކުރެއްވުމަށް މޭޔަރު ކަމުން އިސްތިއުފާ ދެއްވުމުންނެވެ.
މޭޔަރު ބައި އިލެކްޝަން އަންނަ ޖަނަވަރީ މަހުގެ 13ގައި ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާއިރު އެ މަޤާމަށް ވާދަކުރައްވާ އެހެން ކެނޑިޑޭޓުންގެ ތެރޭގައި ޑިމޮކްރެޓްސްގެ ފަރާތުން މުހައްމަދު ސައިފް ފާތިހު، ޕީއެންސީގެ ފަރާތުން އާޒިމާ ޝަކޫރު އަދި ޕީއެންއެފްގެ ފަރާތުން ހުސެއިން ވަހީދު ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް