ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ދިވެހިރާއްޖޭގެ ޤާނޫނީ ދާއިރާގެ މެންބަރުކަމަށް، އަލްއުސްތާޛު ޢަލީ ޢަބްދުއްލަޠީފް، ގއ. ވިލިނގިލި، ބީޗުހައުސް، މިއަދު ޢައްޔަނުކުރައްވައިފިއެވެ.
އަލްއުސްތާޛު ޢަލީ ޢަބްދުއްލަޠީފް މި މަގާމަށް ޢައްޔަނުކުރައްވާފައިވަނީ މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
އަލްއުސްތާޛު ޢަލީ ޢަބްދުއްލަޠީފް، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަނުކުރެއްވީ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (މ) އާއި، ޤާނޫނު ނަންބަރު 10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ 10 ވަނަ ނަންބަރާއި، ޤާނޫނު ނަންބަރު 2019/5 (ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު) ގެ 69 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ވަކީލުންގެ ތެރެއިން، އިންތިޚާބުކުރާ ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުންނެވެ.
އެމަނިކުފާނަށް ހުވައި ލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބްލް ޑޮކްޓަރ މުޙައްމަދު އިބްރާހީމެވެ. މި ރަސްމިއްޔާތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު ޢަލީ ޢަބްދުއްލަޠީފަށް ވަނީ ޙަވާލުކޮށްދެއްވާފައެވެ.
ޖޭއެސްސީގެ މެންބަރުކަމަށް އަލްއުސްތާޛު ޢަލީ ޢަބްދުއްލަޠީފް މިއަދު އައްޔަނުކުރައްވާފައިވާއިރު ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ވަކީލުންގެ ތެރެއިން، އިންތިޚާބުކުރާ ޤާނޫނީ ވަކީލެއްގެ، ޖޭއެސްސީގެ މަޤާމަށް ހައިކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާޢު އުސްމާނާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ ޒުބައިރު މުޙައްމަދު އެ މަޤާމަށް ވާދަކުރެއްވިއެވެ. އެހެންނަމަވެސް އެ ދެބޭފުޅުންނަކީވެސް ސުޕްރީމް ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދަ ނެތް ދެ ފަރާތްކަމުން އެ ދެފަރާތުގެ ކެނޑިޑަސީ ބާތިލުވެގެންދިޔައެވެ. އަދި ކެނޑިޑަސީ ބަލައިގަތުމާއިގުޅޭ މައްސަލައެއް ޝުޖާއު އުސްމާންގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި އެ މައްސަލަވެސް ކުރިއަށްދިޔައެވެ. އަލްއުސްތާޛު ޢަލީ ޢަބްދުއްލަތީފް އެ މަޤާމަށް ހޮވިގެންދިޔައީ ޤާނޫނީ ވަކީލުންގެ މެދުގައި ނެގުނު ފެންނަ ނުފެންނަ ވޯޓަކުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް