ފޭކު ޑޮލަރުގެ 100ގެ ނޫޓު ދައުރުވާތީ ސަމާލުވާން އެމްއެމްއޭއިން އިލްތިމާސްކޮށްފި

ޑޮލަރުގެ 100 ނޫޓުގެ ފޭކު ނޫޓުތަކެއް ދައުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް މޯލްޑިވްސް މަނެޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިލްތިމާސްކޮށްފިއެވެ. އެމްއެމްއޭއިން މިކަމަށް އިލްތިމާސްކޮށްފައިވަނީ މިއަދު ނެ...

12 Dec 2023 | 07:01

ޑޮލަރުގެ 100 ނޫޓުގެ ފޭކު ނޫޓުތަކެއް ދައުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް މޯލްޑިވްސް މަނެޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެމްއެމްއޭއިން މިކަމަށް އިލްތިމާސްކޮށްފައިވަނީ މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައެވެ.

އެ ނޫސްބަޔާނުގައި ބުނެފައިވަނީ 100 ޔޫއެސް ޑޮލަރުގެ ޞައްޚަނޫން ނޫޓު މިހާރު ދައުރުވަމުންދާތީވެ، އެކަން ޢާއްމު ރައްޔިތުންގެ ސަމާލުކަމަށްޓަކައި ދަންނަވާކަމަށާއި އެ ނޫޓުތަކަކީ 1996 އިން ފެށިގެން 2016 އާއި ދެމެދުގެ ތާރީޚްގެ ތެރޭގައި ޕްރިންޓްކޮށްފައިވާ، ހުދު ބޯޑަރު ހިމެނޭ ޔޫއެސް ޑޮލަރުގެ ނޫޓުކަން ފާހަގަކުރެވިފައިވާކަމަށެވެ.

ޞައްޚަނޫން ނޫޓުތަކުގައި އެންމެ ބޮޑަށް ފާހަގަކުރެވޭ ކަންތައްތައް ގޮތުގައި އެމްއެމްއޭއިން ފާހަގަކޮށްފައިވާ ކަންކަން:

  • ޞައްޚަ ނޫޓާއި ތަފާތު ކަރުދާހެއްގައި ޕްރިންޓްކޮށްފައި ހުރުން.
  • ނޫޓު އައްޔަށް ދިއްކުރުމުން ނޫޓުގެ ކަނާއަތްފަރާތުގައި ފެންނަންހުންނަ ބެންޖަމިން ފްރެންކްލިންގެ ފޮޓޯ ހިމެނޭ ފެންމަރުކާ (ވޯޓަރ މާރކް) ޞައްޚަ ނޫޓާ ތަފާތުކޮށް ހުރުން.
  • ނޫޓު އައްޔަށް ދިއްކުރުމުން ނޫޓުގެ ވައަތްފަރާތުން ފެންނަންހުންނަ "USA 100" ލިޔެފައިވާ ސަލާމަތީ ރޮދިފަށް ނޫޓުގެ ދެފަރާތުން ފެންނަން ނެތުން.
  • ނޫޓު އަލްޓްރާ ވައިލެޓް އައްޔަށް ދިއްކުރުމުން ނޫޓުގައި ދިއްލިފައި ހުންނަންޖެހޭ ސަލާމަތީ ރޮދިފަށް ނޫޓުގެ ދެފަރާތުން ދިއްލިފައި ނެތުން.
  • ނޫޓު އަލްޓްރާ ވައިލެޓް އައްޔަށް ދިއްކުރުމުން ނޫޓުގެ މޫނުމަތީގައި ރަތް އަދި ނޫކުލައިން ދިއްލިފައި ހުންނަންޖެހޭ ސެކިއުރިޓީ ފައިބަރ ނެތުން.
  • ނޫޓުގެ ކަނާއަތް ފަރާތުން ތިރީގައި ހިމަނާފައިވާ މޫނުމަތީ އަގު ނޫޓު އަރިކުރުމުން ކުލަ ބަދަލު ނުބވުން.

މިކަންކަން ފާހަގަކޮށް އެމްއެމްއޭއިން ބުނެފައިވަނީ 100 ޔޫއެސް ޑޮލަރުގެ ހުދު ބޯޑަރު ހިމެނޭ ނޫޓު ބަލައިގަތުމުގައި ސަމާލުވުމަށާއި ބަލައިގަނެވޭ ނޫޓުގެ ޞައްޚަ ކަމާމެދު ޝައްކުކުރެވޭ އެއްވެސް ނޫތެއް ފެނިއްޖެނަމަ، މި އޮތޯރިޓީއަށް ގެނެސް އެ ނޫޓެއްގެ ޞައްޚަކަން ޔަޤީން ކުރުމަށް ދަންނަވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް