އެޗްޑީސީގެ ސްމާޓް ސިޓީ ޕްރޮޖެކްޓަށް ވާވޭގެ ފަންނީ އެހީތެރިކަން ދޭން އެއްބަސްވުމެއް

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެޗްޑީސީ)ގެ "ސްމާޓް ސިޓީ ޕްރޮޖެކްޓް" އަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމެއް ވާވޭ ލަންކާ ޕްރައިވެޓް ލިމިޓެޑާއެކު ސޮއިކޮށްފި އެވެ. މި އެއްބ...

12 Dec 2022 | 17:41

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެޗްޑީސީ)ގެ "ސްމާޓް ސިޓީ ޕްރޮޖެކްޓް" އަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމެއް ވާވޭ ލަންކާ ޕްރައިވެޓް ލިމިޓެޑާއެކު ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގް ޑިރެކްޓަރު އަޙްމަދު އާތިފެވެ. އަދި ވާވޭ ލަންކާގެ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ ސީއީއޯ ޓާއޯ ގުއާންޖޭއޯއެވެ.

މި އެއްބަސްވުމުގެ ދަށުން ސްމާޓް ސިޓީ ސޮލިއުޝަންތައް ޑިޒައިންކޮށް، ތަންފީޒު ކުރުމަށް ޗައިނާގެ މަޝްހޫރު ޓެލެކޮމް ކުންފުނި ވާވޭގެ ފަންނީ ތަޖުރިބާއާއެކު އެހީތެރިކަން ފޯރުކޮށްދޭނެއެވެ. ވާވޭއަކީ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ އިންފްރާސްޓްރަކްޗާ އާއި ސްމާޓް ޑިވައިސްތައް ފޯރުކޮށްދިނުމުގައި ދުނިޔޭގެ ފެންވަރުގައި އެންމެ ކުރީސަފުގައި ހަރަކާތްތެރިވާ އެއް ކުންފުންޏެވެ.

ވާވޭއާއެކު މިވެވުނު ކޮލަބްރޭޓިވް ޕާޓްނާޝިޕްގެ ސަބަބުން އެޗްޑީސީގެ ސްމާޓް ސިޓީ އިނީޝިއޭޓިވްއަށް ތަފާތު ފައިދާތަކެއް ލިބިގެންދާނެކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ. އަދި ހުޅުމާލެއަކީ ރާއްޖޭގެ ފުރަތަމަ ސްމާޓް ސިޓީއަށް ބަދަލުކުރުމަށް ބޭނުންވާ ތަޖުރިބާ އާއި ޑިޖިޓަލް ސޮލިއުޝަންތައް ހޯދުމުގެ މަގު މިކަމުގެ ސަބަބުން ފަހިވެގެންދާނެ ކަމަށްވެސް ބުންޏެވެ.

އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައިސީޓީ) އިންފްރާސްޓްރަކްޗަރ އާއި ސޮލިއުޝަންތައް ރާއްޖެއަށް ފޯރުކޮށްދިނުމުގެ 12 އަހަރުގެ ތަޖުރިބާ ވާވޭއަށް ލިބިފައިވެއެވެ. އަދި އެކުންފުނިން "އިން މޯލްޑިވްސް، ފޯ މޯލްޑިވްސް" ގެ މި ތަސައްވުރު ދަމަހައްޓަނީ ރާއްޖޭގެ އިގްތިސޯދީ ކުރިއެރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެގޮތުން، ފުރިހަމައަށް ގުޅިފައިވާ ވިސްނުންތެރި ޤައުމަކަށް ރާއްޖެ ހެދުމަށާއި، ކޮންމެ ފަރުދަކަށް، ގެއަކަށް އަދި މުޖުތަމަޢަށް ޑިޖިޓަލައިޒޭޝަން ގެނައުމަށްކަން އެކުންފުނިން ފާހަގަކުރެއެވެ.

ޑިޖިޓަލް ޓްރާންސްފޯމޭޝަން ހަލުވިކުރުމަށް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ސްމާޓް ސިޓީ، ސްމާޓް ޓުއަރިޒަމް އަދި ސްމާޓް އެޑިއުކޭޝަންއާ ބެހޭ ގޮތުން ދުނިޔޭގެ ތަޖުރިބާ ހިއްސާކުރުމަށް ވާވޭއިން މަސައްކަތް ކުރާނެ ކަމަށް ވާވޭގެ ސީއީއޯ ވަނީ ވިދާޅުވެފައެވެ.

ސްމާޓް އަދި ގުޅިފައިވާ މުޖުތަމައުތައް ބިނާކުރުމުގެ އުއްމީދީ ވިސްނުމަކާއެކު އެޗްޑީސީން އަންނަނީ ސްމާޓްކޮމްގެ ނަމުގައި ހާއްސަ ބްރޭންޑެއްގެ ދަށުން ހުޅުމާލެއަކީ ޑިޖިޓަލްކޮށް ކުރިއަރަމުން އަންނަ ސްމާޓް ސިޓީއަކަށް ހެދުމަށް މަގު ފަހިކޮށްދެމުންނެވެ.

އެގޮތުން ޑިޖިޓަލް އިންފްރާސްޓްރަކްޗާއަށް އިންވެސްޓްކޮށް، ދެމެހެއްޓެނިވި އާރބަން ޑިވެލޮޕްމަންޓް ގެނައުމަށްޓަކައި އާ ޓެކްނޮލޮޖީތަކާއި ސްމާޓް ސޮލިއުޝަންތައް ދެނެގަނެ، އޭގެ ބޭނުން ހިފައި، އިޖުތިމާއީ ބައިވެރިވުން ކަށަވަރުކުރުމާއި، ދަތުރުފަތުރު ކުރުން އިތުރުކުރުމާއި، ރައްކާތެރި، ސާފު މާހައުލެއް ޤާއިމުކޮށް، ދިރިއުޅެވޭނެ ސިޓީއެއް އުފެއްދުމަށް އެޗް.ޑީ.ސީން އަންނަނީ ގިނަ މަސައްކަތްތަކެއްކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް