ގަތަރުގައި މިހާރު ކުރިޔަށްދާ ފީފާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި މާދަމާ ރޭ އާޖެންޓީނާ އާއި ދެކޮޅަށް ކްރޮއޭޝިއާ ކުޅޭ މެޗުގައި މެސީ ހުއްޓުވުމަކީ ކުރަން ފަސޭހަކަމަށް ނުވާނެ ކަމަށް ކްރޮއޭޝިއާގެ ކެޕްޓަން މޮޑްރިޗް ބުނެފިއެވެ.
ސްޕެއިންގެ އާރްޓީވީއީ ޓީވީ ޕްރޮގަރާމަކަށް ދިން އިންޓަވިއުއެއްގައި ވާހަކަ ދައްކަމުން މޮޑްރިޗް ބުނީ އާޖެންޓީނާ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ އަކީ ދުނިޔޭގައި މިވަގުތު ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށާއި މިފަހަރުގެ މުބާރާތުގައި މެސީ ދައްކަމުން އަންނަ މޮޅު ކުޅުމަށް ބަލާއިރު އޭނާ ހުއްޓުވުމަކީ ކުރަން ވަރަށް އުނދަގޫ ކަމަށް ވާނޭ ކަމަށެވެ. ނަމަވެސް މެސީ ހުއްޓުވުމަށް ކްރޮއޭޝިއާ ޓީމުން ވަރަށް ރަނގަޅަށް ތައްޔާރުވެފައިވާ ކަމަށާއި އެހެން ކަމުން އާޖެންޓީނާ އާއި ދެކޮޅަށް ކުޅޭ މެޗަށް ހުރިހާ ކުޅުންތެރިން ވެސް ތިބީ ކެތްމަދުވެފައި ކަމަށް މޮޑްރިޗް ބުންޏެވެ.
މޮޑްރިޗް ބުނީ އާޖެންޓީނާ އާއި ދެކޮޅަށް ކުޅޭ މެޗުގައި މެސީ ހުއްޓުވުމަށް ކްރޮއޭޝިއާ އިން ކުރެވުނު މަސައްކަތެއް ކުރާނެ ކަމަށާއި އަޒުމަކީ އާޖެންޓީނާ ބަލިކޮށް މުބާރާތުގެ ފައިނަލުގައި ކުޅުންކަމަށެވެ. އަދި އާޖެންޓީނާ އަށް މި މެޗުން އެންމެ އިންޗިއެއް ވެސް ދޫ ނުދޭނެ ކަމަށާއި ޓީމު އޮތީ އެކަމަށް ވަރަށް ވަރުގަދައަށް ތައްޔާރުވެފައި ކަމަށް ވެސް މޮޑްރިޗް ބުންޏެވެ.
އިތުރަށް ވާހަކަ ދައްކަމުން އޭނާ ބުނީ އާޖެންޓީނާއާއި ދެކޮޅަށް ކުޅޭ މެޗަކީ ވަރަށް އުނދަގޫ މެޗަކަށް ވާނޭ ކަމަށާއި ނަމަވެސް ރަނގަޅު ފައިޓެއް ދެވިއްޖެ ނަމަ ކާމިޔާބު ލިބުމަކީ ނުވާނޭ ކަމެއް ނޫން ކަމަށެވެ. މި މުބާރާތުގައި ސެމީއާއި ހަމައަށް ވެސް އާދެވުނީ ހިތްވަރާއި އެކު މަސައްކަތް ކޮށް ވަރުގަދަ ޓީމުތަކެއް ބަލިކޮށްގެން ކަމަށް ވެސްް މޮޑްރިޗް ބުންޏެވެ.
" އާޖެންޓީނާއާއި ދެކޮޅަށް ކުޅޭ މެޗަނީ އުނދަގޫ މެޗަކަށް ވާނެ. ޚާއްސަކޮށް މެސީ ހިފެހެއްޓުމަކީ އެއަށްވުރެ އުނދަގޫ ކަމެއް. އެހެން ނަމަވެސް އަހަރެމެން ނުކުންނާނީ މި ހުރިހާކަމެއް ވެސް ދެނެ ތިބެ މޮޅުވެ ފައިނަލަށް ދިއުމުގެ ވަރުގަދަ އަޒުމުގަ. ރަނގަޅު ފައިޓެއް ދެވިއްޖެއްޔާ ކާމިޔާބު ވާނެ." ސްޕެއިންގެ އާރްޓީވީއީ އާއި ވާހަކަ ދައްކަމުން މޮޑްރިޗް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް