ބޮލީވުޑްގައި މަސައްކަތް ކުރާ ކޮންމެސް އަންހެނަކާއި އަޅުވާ ކިޔާތީ މިހާރު އެންމެ މަގުބޫލު ބަތަލް ކާތިކް އާރްޔަން ރުޅި ގަދަވެއްޖެ އެވެ.
ކާތިކަކީ މިވަގުތު ބޮލީވުޑްގައި ހުރި އެންމެ ކާމިޔާބު ޒުވާން ތަރިއެވެ. އެހެންވެ އޭނާގެ ލޯބީގެ ވާހަކަތަށް ގިނަ ބަޔަކު ޝައުގުވެރިވެ އެވެ.
މިފަހުން އޭނާގެ ލޯބިވެރިންނާއި ގުޅޭގޮތުން ބުނެފައިވަނީ ކާތިކް ވަނީ ގިނަ ފިލްމީ ދާއިރާގެ މީހުންނާއި ލޯބީގެ ގޮތުން ގުޅިގެން އުޅެފައި ކަމަށެވެ. އޭގެ ތެރޭގައި ކިއަރާ އަދްވާނީ، ސާރާ އަލީ ހާން، ޖާންވީ ކަޕޫރު، އަނަންޔާ ޕާންޑޭ އަދި ރިތިކް ރޯޝަންގެ ދެބެންގެ ދެދަރި މީހެއް ކަމަށްވާ ޕަޝްމިނާ ރޯޝަން އާއިވެސް އޭނާ ރައްޓެހިވި ކަމަށްވެ އެވެ.
މި ވާހަަކަތަކުގެ ހަގީގަތާއި ގުޅޭގޮތުން ސުވާލު ކުރުމުން ބުނީ އެކުގައި ކެއުމަކަށް ދިއުމަކީ ރައްޓެހިވުން ނޫން ކަމަށެވެ. އަދި އޭނާ ފަހަތުން ދާ ކޮންމެ ތަނަކަށް ނޫސްވެރިންނާއި ޕަޕަރާޒީން ދާއިރު ވަގަށް މަޝްހޫރު މީހުންނާއި ރައްޓެހިވެގެން އުޅޭ ކަމަށް ނުބުނެވޭނެ ކަމަށެވެ.
ކާތިކް ބުނީ އިންޑިއާގެ ފިލްމީ ހަބަރު ލިޔުން ހުއްޓާލައި އެ ނޫސްވެރިން ފިލްމު ލިޔާ މީހުންނަށް ވާންވެއްޖެ ކަމަށް ބުންޏެވެ. އެއީ ސިއްރު މީހުންނާއި ހަވާލާދީ ހަދަ ހަދައިގެން ހަބަރު ލިޔާ މީހުންނަކީ ނޫސްވެރިންނަށް ނުވާނެތީ ކަމަށެވެ.
ކާތިކް ބުނީ އޭނާއޭ ކިޔައިގެން އެ ފާޑުގެ ހަބަރުތައް ފެނުމުން ހިނި އައުމުގެ އިތުރުން ވަރަށް ރުޅިވެސް އަންނަ ކަމަށެވެ.
މިއަހަރު ރިލީޒް ކުރި ފިލްމުތަކުގެ ތެރެއިން އެންމެ ކާމިޔާބު ފިލްމަކީ އޭނާގެ “ބޫލް ބުލައިޔާ 2” އެވެ. މިހާރު އޯޓީޓީގައި ރިލީޒްކޮށްފައިވާ “ފްރެޑީ” ވެސް ދަނީ ހަމަ އެހާ ބޮޑު ކާމިޔާބެއް ހޯދަމުންނެވެ.
ކާތިކް ދެން އެންމެ އަވަހަށް ފެންނާނީ ފިލްމު “ޝެހެޒާދާ” އިންނެވެ. އަންނަ އަހަރު ރިލީޒް ކުރާ މި ފިލްމުގެ ޑައިރެކްޓަރަކީ ރޯހިތް ދަވަން އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް