ޕޯޗުގަލް ބަލިވީ ރެފްރީންގެ ނިންމުންތައް ގޯސްވެގެން ނޫން - ސަންޓޯސް

ގަތަރުގައި މިހާރު ކުރިޔަށްދާ ފީފާ ވޯލްޑް ކަޕު ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި މޮރޮކޯ އަތުން ބަލިވެ ޕޯޗުގަލް މުބާރާތުން ކެޓީ ރެފްރީންގެ ނިންމުންތައް ގޯސްވެގެން ނޫން ކަމަށާއި ތީމު ބަލިވެ މުބާރާތ...

12 Dec 2022 | 12:16

ގަތަރުގައި މިހާރު ކުރިޔަށްދާ ފީފާ ވޯލްޑް ކަޕު ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި މޮރޮކޯ އަތުން ބަލިވެ ޕޯޗުގަލް މުބާރާތުން ކެޓީ ރެފްރީންގެ ނިންމުންތައް ގޯސްވެގެން ނޫން ކަމަށާއި ތީމު ބަލިވެ މުބާރާތުން ކަޓަން ޖެހުނީ ރަނގަޅަށް ނުކުޅެވިގެން ކަމަށް ޕޯޗުގަލްގެ ހެޑް ކޯޗު ފެނާންޑޯ ސަންޓޯސް ބުނެފިއެވެ.

މޮރޮކޯ އާއި ދެކޮޅަށް ކުޅެ 0-1 އިން ޕޯޗުގަލް ބަލިވި މެޗަށް ފަހު މީޑިއާއަށް ދިން ބަސްދީގަތުމެއްގައި ބުރޫނޯ ފެނާންޑޭސް އަދި ޕެޕޭ ރެފްރީން ގޯސްކޮށް ވާހަދައްކާފައިވާއިރު، ރެފްރީންގެ ދިފާއުގައި ވާހަކަދައްކަމުން ސަންޓޯސް ބުނީ އެއްވެސް ކުޅުންތެރިއަކު ރެފްރީން ގޯސްކޮށް ވާހަކަ ދެއްކުމަކީ އެންމެ ރަނގަޅުގޮތް ނޫން ކަމަށާއި ޕޯޗުގަލް ޓީން ބަލިވީ ކުޅުންތެރިންނަށް ވެސް ރަނގަޅަށް ނުކުޅެވިގެން ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

ސަންޓޯސް ބުނީ އެފަދަ ޕްރެސަރ މެޗެއްގައި ރެފްރީންނަށް ވެސް ގޯހެއް ހެދިދާނެ ކަމަށާއި ނަމަވެސް މުޅި މެޗަށް ބަލާއިރު، އެވްރެޖްކޮށް ރެފްރީންގެ ނިންމުންތައް ރަނގަޅު ކަމަށެވެ. އަދި އެއީ 90 މިނެޓުގެ މެޗަކަށް ބަލާއިރު މެޗުގެ ނަތީޖާއަށް ބަދަލުތަކެއް އައިސްދާނެ ފަދަ ގޯހަކަށް ވެދާނެ ކަމަށް ގަބޫލު ނުކުރާ ކަމަށް ވެސް ސަންޓޯސް ބުންޏެވެ.

" މެޗަކުން ބަލިވާއިރަށް މެޗުގައި ރެފްރީކަން ކުރާ ރެފްރީން ކުއްވެރިކޮށް ވާހަކަ ދެއްކުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން. އަހަރެންވެސް ގަބޫލު ކުރަން މެޗުގައި ރެފްރީންގެ ނިންމުން ތައް އެންމެ ރަނގަޅު ނުވެދާނެ. ނަމަވެސް މެޗުގެ ނަތީޖާއަށް އަސަރު ކުރާވަރުގެ ބޮޑެތި ގޯސްތަކެއް މެޗުގައި ރެފްރީންގެ ފަރާތުން ފެނިފައެއް ނުވޭ." ސަންޓޯސް ބުންޏެވެ.

ސަންޓޯސް އިތުރަށް ބުނީ ޕޯޗުގަލް އަދި މޮރޮކޯ ބައްދަލުކުރި މެޗުގައި ޓީމުގެ ފަރާތުން ފެނުނީ މާ އެދެވޭ ކުޅުމެއް ނޫން ކަމަށާއި ޓީމު ބަލިވީ ރަނގަޅު ޕާފޯމަންސް އެއް މޮރޮކޯއާއި ދެކޮޅަށް ނުދެއްކުމުން ކަމަށެވެ. އެހެން ކަމުން ރެފްރީން ކުއްވެރިކުރުމުގެ ބަދަލުގައި މެޗުން ބަލިވުމުގެ ޒިންމާ އަމިއްލައަށް ކުޅުންތެރިން އުފުލުން މާ ރަނގަޅު ކަމަށް ސަންޓޯސް ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް