މިފަހަރުގެ ވޯލްޑް ކަޕުގައިވެސް އެއްވެސް ކުރިއެރުމެއް ނުލިބި ދެވަނަ ބުރުން ބްރެޒިލް މުބާރާތާއި ވަކިވާން ޖެހުމުގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭނީ ކޯޗު ޓީޓޭ ކަމަށް ބްރެޒިލްގެ ކުރީގެ ފުޓުބޯޅަ ލެޖެންޑް ޖޯޝް އެލިއާސް ބުނެފިއެވެ.
ޓީޓޭއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒު ކުރަމުން އެލިއާސް ބުނީ މިފަހަރުގެ ވޯލްޑް ކަޕަށް ނުކުތް ބްރެޒިލް ޓީމުގައި ތިބީ ތަށި ހޯދޭނެ ފެންވަރު ހުރި މޮޅެތި ކުޅުންތެރިންތަކެއް ކަމަށާއި ނަމަވެސް ބްރެޒިލްގެ ކޯޗަކަށް ހުރި ޓީޓޭގެ ބަލިކަށި ރޭވުންތެރި ކަމުގެ ސަބަބުން ޓީމަށް ކުރިއެރުމެއް ނުލިބި މުބާރާތުން ވަކިވާން ޖެހުނީ ކަމަށެވެ.
2016 ވަނަ އަހަރު ބްރެޒިލްގެ ކޯޗުކަމާއި ހަވާލުވި ޓީޓޭގެ އިރުޝާދުގެ ދަށުން ސަރަހައްދީ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ބްރެޒިލް އަށް ކާބިޔާބު ކުރެވުނު ނަމަވެސް އެއީ މާބޮޑު ކާމިޔާބީއެއް ކަމަށް ނުދެކޭ ކަމަށް އެލިއާސް ބުންޏެވެ.
އަދި ސަރަހައްދީ މުބާރާތައް ވުރެ މުހިންމުކަން ދޭން ޖެހޭނީ ކޮންމެ ހަތަރު އަހަރަކުން އެއް ފަހަރު ބާއްވާ ދުނިޔޭގެ ތަށްޓަށް ކުޅޭ ފުޓުބޯޅަ މުބާރާތައް ކަމަށާއި އެ މުބާރާތުން ކާމިޔާބީއެއް ނުލިބި ފެއިލް ވެގެން ދާން ޖެހުމަކީ ޓީމަށް ކުރިއެރުމެއް ލިބިފައި ނުވާކަމުގެ ފުރިހަމަ ހެއްކެއް ކަމަށް ވެސް އެލިއާސް ބުންޏެވެ.
އޭނާ ބުނީ މި ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލުގައި ބްރެޒިލްއާއި ދެކޮޅަށް ކްރޮއޭޝިއާއިން ނުކުމެ ބްރެޒިލް ބަލިކުރީ އެ ޓީމުގެ ބަލިފައިތައް ވަރަށް ރަނގަޅަށް ފާހަގަ ކޮށް އެކަން ދެނެތިބެ ކަމަށާއި ނަމަވެސް ޓީޓޭއަށް އެވަރުވެސް ދެނެގަންނަށް ނޭންގުނު ކަމަށް އެލިއާސް ބުންޏެވެ.
2018 ގެ ވޯލްޑް ކަޕުން ވެސް ބެލްޖިއަމް އަތުން ބަލިވެ ބްރެޒިލް ކެޓީ ޓީޓޭގެ ވިސްނުމެއް ނެތް ބަލިކަށި ރޭވުންތަކުގެ ސަބަބުން ކަމަށާއި މިފަހަރުގެ މުބާރާތުގައި ވެސް ބްރެޒިލް އަށް ދިމާވީ ހަމަ އެގޮތަށް ކަމަށް އެލިއާސް ބުންޏެވެ.
" ބްރެޒިލް މިފަހަރުގެ ވޯލްޑް ކަޕުން އެހާ އަވަހަށް ކަޓައިގެން ދާން ޖެހުމުގެ ފުރިހަމަ ޒިންމާ ޓީޓޭ ނަގަން ޖެހޭނެ. ވޯލްޑް ކަޕް މުބާރަތެއް ކާމިޔާބު ކުރެވޭ ހާ ފެންވަރު ހުރި ޓީމެއް ބްރެޒިލް އަކީ. ނަމަވެސް ބްރެޒިލް އަށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ ޓީމުގެ ކޯޗަކަށް ހުރި ޓީޓޭގެ ބަލިކަށި ރޭވުންތެރިކަން." އެލިއާސް ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް