ފުޓުބޯޅަ މެޗުތައް ބެލުމަކީ ހާޓްއެޓޭކް ޖެހުމަށް މެދުވެރިވާ ސަބަބެއް ކަމަށް ޖަރުމަނުގެ ސްޓަޑީ ސެންޓަރ އޮފް މެޑިކަލް ޔުނިވާސިޓީން ހެދި ދިރާސާއަކުން ދައްކައިފިއެވެ.
މި ދިރާސާ ހޯދުންތައް ހޯދުމުގައި އިސްކޮށް ހަރަކާތްތެރި ވެފައިވާ ޖަރުމަނުގެ ހިިތުގެ ބަލިތަކަށް ފަރުވާދޭ ޕްރޮފެސަރެއް ކަމުގައިވާ ތޯމަސް ހެއިނަޒް ވިދާޅުވެފައިވާ ގޮތުގައި އާންމުކޮށް ފުޓްބޯޅަ މެޗުތައް ބެލުމަކީ އެކަމުގެ ސަބަބުން ހިތައް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެއް ކަމަށެވެ.
އެގޮތުން ސަޕޯޓުކުރާ ޓީމެއް ބަލިވުމުން ނުވަތަ މޮޅުވުމުން އުފެދޭ ޖަޒުބާތީ އިޙުސާސްތަކެއްގެ ސަބަބުން ހަށިގަނޑުގައި ލޭ ހިނގުން އަވަސްވެ، ލޭގެ ޕްރެސަރު މައްޗަށް ދިއުން ފަދަ ކަންކަން މެދުވެރިވެއެވެ. ނަތީޖާއެއްގެ ގޮތުން އެކަމުގެ ސަބަބުން ހާޓްއެޓޭކް ޖެހި، ފުރާނައަށް ނުރައްކާވުމަށް މެދުވެރިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޙާއްސަކޮށް ދުނިޔޭގެ ފެންވަރުގައި ކުޅޭ ބޮޑެތި މުބާރާތް ތައް ކަމަށް ވާ ފީފާ ވޯލްޑް ކަޕް، ޔޫރަޕިއަން ޗެމްޕިއަންޝިޕް ފަދަ މުބާރާތް ތައް ކުޅޭ ދުވަސްވަރު ހާޓްއެޓޭކް ޖެހޭ މީހުންގެ އަދަދު އިތުރު ކަމަށް ވެސް ތޯމަސް ހެއިނަޒް ވިދާޅުވިއެވެ.
2006 ވަނަ އަހަރު ޖަރުމަނުގައި ބޭއްވުނު ވޯލްޑް ކަޕް މުބާރާތުގައި ހާޓްއެޓޭކް ޖެހިގެން ހޮސްޕިޓަލްތަކުގައި އެޑްމިޓް ކުރަން ޖެހުނު މީހުންނާއި ހާޓްއެޓޭކް ޖެހިގެން މަރުވި މީހުންގެ ތަފާސް ހިސާބުތަކަށް އަލި އަޅުވާލަމުން ހެއިނަޒް ވިދާޅުވީ 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް މުބާރާތް ފެށިގެން ނިމުނާއި ހަމައަށް ވީ ހަތަރު ހަފްތާ ތެރޭގައި 18479 މީހުން ހިތުގެ އެކި ބަލިތަކުގައި ހޮސްޕިޓަލުގައި އެޑްމިޓް ކޮށް ފަރުވާ ދީފައިވާ ކަމަށާއި އަދި އޭގެތެރެއިން 2 އިން ސައްތަ މީހުން މަރުވެފައިވާ ކަމަށް ވެސް ހެއިނަޒް ވިދާޅުވިއެވެ.
" ގަބޫލު ކުރަން ކިތެންމެ ދަތިވިޔަސް މިއީ ހަޤީޤަތް، ފުޓްބޯޅަ މެޗުތައް ބެލުމަކީ ހާޓްއެޓޭކް ޖެހުމަށް މަގުފަހިވާ ކަމެއް، އެހެންނީ ވޯލްޑް ކަޕް، ޔޫރަޕިއަން ޗެމްޕިއަންޝިޕް ފަދަ ބޮޑެތި މުބާރާތް ތައް ކުޅޭ ދުވަސްވަރު އެފަދަ ހާދިސާތައް ހިނގުން އިތުރު. ފުޓްބޯޅަ އަކީ މީހުން ޖަޒުބާތުގައި ޖައްސާ ކުޅިވަރެއް، އެހެން ކަމުން އެ ޖަޒުބާތުގެ ސަބަބުން މީހާ ޑިޕްރެސް ވެެ، ހަށިގަނޑުގައި ލޭ ދައުރުކުރުން އަވަސްވެ، ޕްރެސަރު މައްޗަށް ގޮސް ހާޓްއެޓޭކް ފަދަ ބަލިތައް ޖެހުމަށް މެދުވެރި ކުރުވާ." ޕްރޮފެސަރ ތޯމަސް ހެއިނަޒް ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ އާންމުކޮށް ވޯލްޑް ކަޕް ފަދަ ބޮޑެތި މުބާރާތް ތައް ކުރިޔަށް ދާއިރު، ހާޓްއެޓޭކް ޖެހޭ މީހުންގެ އަދަދު 2.7 އިން ސައްތަ އިތުރުވާ ކަމަށާއި އެހެން ކަމުން މިއީ ފުޓުބޯޅަ ބަލާ ފަރާތްތަކުން ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ސަބަބެއް ކަމަށެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ ވޯލްޑް ކަޕް ފަދަ ބޮޑެތި މުބާރާތް ތަކުގެ ފައިނަލް މެޗަކީ އެންމެ ގިނަ ބަޔަކަށް އެކަމުގެ އަސަރު ކުރާ އެއް މެޗު ކަމަށް ތަފާސްހިސާބުތަކުން ދައްކާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް