އައްޑޫ ސިޓީގައި ހޮސްޕިޓަލުއެޅުމަށް ވެރިކަން ކުރާ ޕީޕީއެމްއަށް ސޮއިކުރަން ނުޖެހޭކަމަށް އައްޑޫ މީދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީސް މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ބ. ތުޅާދޫގައި އެމްޑީޕީން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރޮޒައިނާ ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގެ ސްޓޭޓް މިނިސްޓަރުން ވަޑައިގެން މަޖިލީހުގައި އައްޑޫ ތަމްސީލް ކުރައްވާ މެމްބަރުން ޕީޕީއެމަށް ސޮއިކޮށްގެން ހޮސްޕިޓަލް އެޅުމަށް މަސައްކަތް ކޮށްދެއްވުމަށް އެދި ލައްވަމުން ގެންދަވާ ކަމަށެވެ.
މަޖިލީހުގެ މެމްބަރުންނަކީ ތަރައްޤީގެ މަޝްރޫޢުތައް ހިންގާބައެއް ނޫން ކަމަށާއި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އަރިހުގައި ސަލާން ނުޖަހާނެކަމަށްވެސް ރޮޒއިނާ ވިދާޅުވިއެވެ.
ރައްޔިތުން ޓެކްސް ދައްކަމުން ދާއިރު، ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދިނުމަކީ ސަރުކާރަށް ލާޒިމް ކަމެއް ކަމަށާއި ތަރއްޤީގެ މަޝްރޫޢުތައް ހިންގަންޖެހޭނެ ފަރާތަކީ ސަރުކާރު ކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ.
ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. ހަބީބު އައްޑޫއަށް ވަޑައިގެން ބައެއް މީހުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކައިގައި އައްޑޫ ހޮސްޕިޓަލް އެޅުމަށް ހިތަދޫއަށް ނިސްބަތްވާ 3 މެންބަރުން ސަރުކާރާއި ގުޅެން ޖެހޭނެ ކަމަށް ވިދާޅުވެފައިވާ ވިދާޅުވުމަށް ޢިޝާރާތް ކުރައްވާ ރޮޒައިނާ ވިދާޅުވީ ބޯދާ ވިސްނުން ޑރ. ހަބީބު ވިސްނައިދޭން އެއްގޮތަކަށް ވެސް އުޅުއްވާނެ ކަމެއް ނެތް ކަމަށާއި މި ޒަމާނަކީ އެކަހަލަ ޖާހިލުންނަށް ފުރުޞަތު އޮތް ޒަމާނެއް ނޫން ކަމަށެވެ.
އައްޑޫގައި 100 އެނދުގެ ހޮސްޕިޓަލެއް އަޅާ ވާހަކަ ސަރުކާރުން ފުރަތަމަ ހާމަކޮށްފައިވަނީ 2005 ވަނަ އަހަރުއެވެ. ނަމަވެސް 14 އަހަރު ފާއިތުވެގެން ދިޔައިރުވެސް މި ހޮސްޕިޓަލުގެ ޢަމަލީ އެއްވެސް މަސައްކަތެއް ފެށިފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް