ޗައިނާގެ ފުޒޯ ޗެންގްލް އިންޓަނޭޝަނަލްއެއާޕޯޓުގައި ހަރަކާތްތެރިވާ ފަޔާމަނުން ފްލައިޓެއްގެ އިންޖީނުން އަލިފާނުގެ އަސަރުފެނިގެން ކުރި ރިޕޯޓަކާއި ގުޅިގެން ކުއްލިހާލަތުގައި ގޮސް އަލިފާން ނިވަން އޮޅިގެން ނުބައި ފްލައިޓަކަށް އަލިފާން ނިވާ ފޯމް ޖަހައިފިއެވެ.
މިހާދިސާ ހިންގީ މިދިޔަ ބްރާސްފަތި ދުވަހު ފުޒޯ ޗެންގްލް އިންޓަނޭޝަނަލްއެއާޕޯޓުގައި އޮތް އެއާ ޗައިނާގެ ބޮއެން 800-737 ފްލައިޓުގެ އިންޖީނުން އަލިފާން ކަނީގެ އަސަރު، ފުޒޯ އެއާލައިންސްގެ ފްލައިޓެއްގައި އިން ޕައިލެޓަކަށް ފެނިގެން އެއާ ޕޯޓުގެ ކޮންޓްރޯލް ޓަވަރަށް ކުރި ރިޕޯޓެއްގެ ސަބަބުންނެވެ.
ކޮންޓްރޯލް ޓަވަރަށް މިރިޕޯޓު ލިބުމާއިއެކު ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދަށް އަށް ފަޔާ އިންޖިން ފޮނުވިއެވެ. ނަމަވެސް ފަޔާމަނުންއަށް ހަތަރު މިނެޓް ފަހުން ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދަށް ދެވުނު އިރު އެއާ ޗައިނާގެ ފްލައިޓުގެ އިންޖިން ނިވާލާފައި އޮތުމާއިއެކު އަދި ފުޒޯ އެއާލައިންސްގެ ފްލައިޓުގެ އިންޖީނުން އާވި އަރާތީ ފުޒޯ އެއާލައިންސްގެ ފްލައިޓަށް ފޯމް ޖެހީއެވެ. ފޯމް ޖެހިތާ ދެ މިނެޓް ފަހުން ކޮންޓްރޯލް ޓަވަރުން ފޯމް ޖަހާފައިވަނީ ނުބައި ފްލައިޓަކަށް ކަން ވަނީ އަންގާފައެވެ. ފަޔާމަނުން ފުޒޯ އެއާލައިންސްގެ ފްލައިޓަށް ފޯމް ޖެހިއިރު އެފްލައިޓް އޮތީ ފަސިންޖަރުން އަރުވާ ފުރަން ތައްޔާރުވެފައެވެ.
މިހާދިސާގެ ސަބަބުން އެއާޕޯޓު 90 މިނެޓައް ބަންދުކުރަންޖެހި ތިރީސް ފްލައިޓެއް ޑިލޭވިއެވެ. ފަހުން އެއާޕޯޓުން ބުނެފައިވަނީ ފްލައިޓެއްގެ އިންޖީނުން އަލިފާން ކަނި ފެނުމަކީ އާންމުކަމެއްކަމަށާއި އޭގެ ސަބަބުން ފްލައިޓަށް އެއްވެސް ގެއްލުމެއް ނުވާނެކަމަށެވެ. އަދި މިހާދިސާގެ ސަބަބުން ފަސިންޖަރުންއަށް ދިމާވި ދައްޗައް އެއާޕޯޓުން ވަނީ މާފަށް އެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް