މޫސުމަށް އަންނަ ބަދަލުތަކާއި ބެހޭގޮތުންނާއި ދެމެހެއްޓެނެވި ތަރައްގީ އާއި ބެހޭގޮތުން މުހިއްމު މަސައްކަތްތަކެއް އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް ( އެއޯސިސް) އިން ކޮށްފައިވާ ކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމެންޓް އެންޑް އެނަރޖީ ޠާރިގު އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޠާރިގު މިހެން ވިދާޅުވީ އެއޯސިސް އަށް 25 އަހަރު ފުރުމުގެ މުނާސަބަތުގައި ޕެރިހުގައި ބޭއްވި ރަސްމިއްޔާތުގައި އެއޯސިސްގެ މިދައުރުގެ ރިޔާސަތު ބަލަހައްޓާ ގައުމުގެ ފަރާތުން ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރ ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ވާހަކަ އާއި ދެމެހެއްޓެނެވި ތަރައްގީގެ ވާހަކަ ބައިނަލްއަގުވާމީ ސަމާލުކަމަށް ގެންނަށް އެއޯސިސް އިން ވަރަށް ބޮޑަށް މަސައްކަތްކޮށްފައިވާކަމަށެވެ.
" މީގެ 26 އަހަރު ކުރިން މާލޭގައި ކުދި ޖަޒީރާ ގައުމުތަކުގެ ލީޑަރުން ބޭއްވި ޚާއްސަ ބައްދަލުވުމެއްގައި ވަނީ މޫސުމަށް އަންނަ ބަދަލުތަކާއި ކަނޑުގެ ލޮނުގަނޑު އުފުލުމާއި ދެމެހެއްޓެނިވި ތަރައްގީ އާއި ބެހޭގޮތުން މަޝްވަރާކޮށްފައި" މިނިސްޓަރ ޠާރިގު ވިދާޅުވިއެވެ.
މޫސުމަށް އަންނަބަދަލުތަކުގެ ސަބަބުން އެއޯސިސްގެ ގައުމުތަކަށް ގިނަ ގެއްލުންތަކެއްވަމުންދާ ކަމަށާއި އެ ސަބަބާއި ހެދި ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީ ގައި ބެހެއްޓުމަށް ދުނިޔޭގެ ގައުމުތަކަށް ބާރުއަޅުއްވަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އެއޯސިސްގެ މިހާރުގެ ދައުރަކަށްވާންވީ ކަންކަން ތަންފީޒުކުރުމާއި ޖަވާބުދާރީކުރުވުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
" އަޅުގަނޑު އުއްމީދު ކުރަން އެކަން ކުރުމަށް ( ތަންފީޒު ކުރުމާއި ޖަވާބުދާރީ ކުރުވުމަށް ) އަނެއް 25 އަހަރު ނުނަގާނެ ކަމަށް. އަޅުގަނޑު ޔަގީންކުރަނީ، މޫސުމަށް އަންނަ ބަދަލުތަކާއި ބެހޭ ގޮތުން އަޅުގަނޑުމެންނަށް ކުރެވެން އޮތް މަސައްކަތެއް ކޮށްފައިވާތީ، މީގެ 25 އަހަރުފަހުން އަޅުގަނޑުމެންގެ ދަރިންނާއި ދަރިންގެދަރިން، އެކަން ޝުކުރުވެރިކަމާއި އެކު ބަލައިގަންނާނެ ކަމަށް" މިނިސްޓަރ ވިދާޅުވިއެވެ.
އެރަސްމިއްޔާތުގައި މިނިސްޓަރ ޠާރިގު ވަނީ ފޮތެއް ނެރެދެއްވާފައެވެ. އެފޮތުގައި އެއޯސިސް އުފެދިގެން އައި ގޮތާއި ކިޔޮޓޯ ޕްރޮޓޮކޯލް އާއި ބެހޭ މައުލޫމާތާއި ކުދި ޖަޒީރާ ގައުމުތަކުން ދެމެހެއްޓެނިވި ތަރައްގީ އަށް ކުރާ މަސައްކަތްތަކާއި ބެހޭ މައުލޫމާތު ހިމަނާފައިވެއެވެ.
ޕެރިހުގައި ކުރިއަށްދާ ކޮންފަރެންސް އޮފް ޕާޓީސް ( ކޮޕް 21 ) ގައި އެއޯސިސްގެ ގައުމުތަކުން އަދާކުރަމުންދާ ދައުރާއި ބެހޭ ގޮތުން މިނިސްޓަރ ވަނީ އެ ގައުމުތަކަށް ޝުކުރު ދަންނަވާފައެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރާއްޖޭން އދ އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު އަހުމަދު ސަރީރު ވިދާޅުވީ އެއޯސިސް އަކީ މިހާރު މުހިއްމު އަދި ނުފޫޒު ގަދަ ގުރޫޕަކަށް ވެފައިވާ ކަމަށެވެ. އަދި ކޮޕް 21 ގައި އަލަށް އެކުލަވާލާ ގާނޫނީ އެއްބަސްވުމަކީ އަންނަށް އޮތް ޖީލުތަކުގެ މުސްތަގުބަލަށްޓަކައި އެކުލަވާލާ އެއްބަސްވުމަކަށް ހެދުމަށްޓަކައި ރެއާއި ދުވާލު މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް ސަރީރު ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބެލީޒް ގެ މިނިސްޓަރ އޮފް އެގްރިކަލްޗަރ ފިޝަރީޒް އެންޑް ފޮރެސްޓްރީ ޑރ. އުމަރު ފިގަރޯއާ ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރު އެހެން ގައުމުތަކަށްވެސް ކުރާ ކަމަށާއި އެހެންނަމަވެސް އެކަމުގެ ނޭދެވޭ އަސަރު އެއްމެ ބޮޑަށް ކުރަނީ ކުދި ޖަޒީރާ ގައުމުތަކަށް ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ މިއަދު ކުދި ޖަޒީރާ ގައުމުތަކަށް ދިމާވާ ކަންތައްތައް މާދަމާ ބޮޑެތި ގައުމުތަކަށް ދިމާވާނެ ކަމަށެވެ. އެހެންކަމަން ބޮޑެތި ގައުމުތަކަށް މާދަމާ ސަލާމަތެއް އޮންނާނީ މިއަދު ކުދި ގައުމުތައް ސަލާމަތްކޮށްދީގެން ކަމަށެވެ. ކޮޕް 21 ގައި އެއޯސިސް އިން ކުރަމުން އަންނަ މުހިއްމު މަސައްކަތްތަކަކީ ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް