މަންޒަރު ސިފަކޮށްދިނުމަށް އޭއައި މެދުވެރިކޮށް ހަދާަފައިވާ ފޮޓޯއެއް -
ދިވެހި އަސްކަރިއްޔާގެ ޑްރޯންގެ އެހީގައި މި މަހުގެ
ހަތްވަނަ ދުވަހު ގިނަ އަދަދެއްގެ ޑުރަގާއެކު އަތުލައިގަތް ލަންކާގެ ބޯޓާއި އެ ބޯޓުގެ
ފަޅުވެރީން ލަންކާއާއި ހަވާލުކުރަން ރާއްޖެއިން އެއްބަސްވެފައިވާކަމަށް ލަންކާ
ނޫސްތަކުން ރިޕޯޓްކޮށްފިއެވެ.
އެގޮތުން ލަންކާގެ ބައެއް ނޫސްތަކުން އެ ޤައުމުގެ
ފުލުހުންނާ ހަވާލާދީ ރިޕޯޓުކޮށްފައިވަނީ "އަވިޝްކާ ޕުތާ" ނަމަކަށްކިޔާ
އެ ބޯޓާއި އެ ބޯޓުގެ ފަސް ފަޅުވެރީން ޤައުމަށް ގެންދިއުމުގެ އިންތިޒާމު މިހާރު
ހަމަޖައްސަމުން އަންނަ ކަމަށެވެ.
ދިވެހި ފުލުހުން ހޯމަ ދުވަހު ބުނެފައިވާގޮތުގައި އެ
ބޯޓުން 355.9 ކިލޯގެ މަސްތުވާތަކެތި ފެނުނެވެ. އެ މަސްތުވާތަކެތި ހުރީ އެ ބޯޓުގައި
ހުރި 24 ގޯންޏެއްގައިކަންވެސް ފުލުހުން ފާހަގަކުރިއެވެ.
ކްރިމިނަލް ކޯޓުގެ އިއްޔެގެ ރެކޯޑުތަކުން
ދައްކާގޮތުގައި އެ މައްސަލައިގާ ހައްޔަރުކޮށްފައިވާ އުމުރުން 39 އަހަރުގެ ކޭ އެން
އައި ޕެއިރިސް އާއި އުމުރުން 63 އަހަރުގެ ސިންގައްޕުލިގެ ނިމަލް ރަންޖިތާއި
އުމުރުން 34 އަހަރުގެ ވަރްނަކުލަސުރިޔަ ނިޝަންތަ ތަމެލް އާއި އުމުރުން 42 އަހަރުގެ
މިހިޑުކުލަސުރިޔަ އަންޑަރަގެ އަމިލަ އާއި އުމުރުން 28 އަހަރުގެ ވަރްނަކުލަސޫރިޔަ
އޮޝެން ސަޗިންތަ ވަނީ ޝަރީޢަތް ނިމޭންދެން ބަންދުކޮށްފައެވެ.
މައްސަލައިގެ ތަޙުޤީޤުގައި ދިވެހި ސިފައިންނާއި
ދިވެހި ފުލުހުންނާއި ސްރީ ލަންކާގެ ނޭވީ އާއި ސްރީ ލަންކާގެ ފުލުހުން ގުޅިގެން މަސައްކަތް
ކުރަމުން އަންނަ ކަމަށްވެސް ދިވެހި ފުލުހުން ހޯމަ ދުވަހު ހާމަކޮށްފައިވެއެވެ.
އެ ބޯޓާއި އެ ބޯޓުގެ ފަޅުވެރީން ލަންކާއާއި
ހަވާލުކުރަން އެއްބަސްވެފައިވާކަމަށް ލަންކާ ނޫސްތަކުން އެ ކުރާ ރިޕޯޓަށް ރާއްޖޭ
ފަޅިން ކޮމެންޓެއް އަދި ލިބިފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް