އެހީ ބޭނުން ވަނީ ބިލިއަނަކުން ނޫން. އެހީ ބޭނުން ވަނީ ޓްރިލިއަނުން: ރައީސް މުއިއްޒު

މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތަކުގައި އެހީ ބޭނުން ވަނީ ބިލިއަނުން ނޫން ކަމަށާއި، އެހީ ބޭނުން ވަނީ ޓްރިލިއަނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ރައީސް މުއިއްޒ...

12 Nov 2024 | 15:24

މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތަކުގައި އެހީ ބޭނުން ވަނީ ބިލިއަނުން ނޫން ކަމަށާއި، އެހީ ބޭނުން ވަނީ ޓްރިލިއަނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ ފްރޭމްވާކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖު (ޔޫއެންއެފްސީސީސީ)ގެ ކޮންފަރެންސް އޮފް ޕާޓީސްގެ 29 ވަނަ ސެޝަން (ކޮޕް29)ގެ ޕްލެނަރީގައި ރާއްޖޭގެ ފަރާތުން ގައުމީ ބަޔާން އިއްވަވަމުންނެވެ.

ރައީސް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ހަގީގީ މިންގަނޑާ އެއްގޮތްވާ ގޮތުގެ މަތިން، ތިމާވެށީގެ ގެއްލުންތަކަށް ފައިސާ ލިބޭނެ އާ ލަނޑުދަނޑިއެއް މިހާރު ކޮންމެހެން ކަނޑައަޅަން ޖެހޭ ކަމަށެވެ.

މި ބަޔާނުގައި ރައީސް ވަނީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށާއި، މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށާއި، ގެއްލުންތަކާއި ހިރާސްތަކަށް ހައްލު ހޯދައިދިނުމަށް ދޭ ބައިނަލްއަގްވާމީ މާލީ އެހީގެ ވައުދުތައް އިތުރުކުރުމަށް ގޮވާލައްވާފަ އެވެ.

ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް ނުވަތަ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް)އަށް ކުރިމަތިވެފައިވާ ތަފާތު ގޮންޖެހުންތަކުގެ މައްޗަށްވެސް ރައީސް ވާހަކަދެއްކެވި އެވެ. އެގޮތުން ރައީސްގެ ވާހަކަފުޅުގައި ރާއްޖެއަކީ އާދަޔާ ހިލާފު ހިތްވަރެއް ލިބިފައިވާ ގައުމެއް ކަމުގައި ވިދާޅުވި އެވެ.

މީގެ އިތުރުން އެކަށީގެންވާ މާލީ އެހީ ނުލިބުމުގެ ސަބަބުން ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކުގެ އުއްމީދުތަކަށް ހުރަސްއެޅޭކަން ފާހަގަކުރައްވައި، ކްލައިމެޓް ފައިނޭންސްގެ އެންމެ ފަހުގެ އޮނިގަނޑުގައި، މިހާރު ބޭނުންވެފައިވާ ކަންކަމަށާއި، މުސްތަގުބަލުގެ ވިލުންވެރިކަމަށް އިސްކަން ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވި އެވެ.

ރާއްޖޭގެ ތިމާވެއްޓާއި ކަނޑުތަކަކީ، ރާއްޖޭގެ ސަގާފީ ވަންތަކަމުގެ ތެރޭގައި ހިމެނޭ ބައެއްގެ ގޮތުގައި ސިފަކުރައްވަމުން ރައީސް ވަނީ އެއީ އެގޮތަށް ގަބޫލުކުރަން ލާޒިމު އަދި އެގޮތުގައި ހިފަހައްޓަންޖެހޭ ކަމެއް ކަމަށްވެސް ވިދާޅުވެފަ އެވެ.

ކޮޕް29 ގައި ހަރުދަނާ މާލީ ނަތީޖާއެއް ހޯއްދެވުމަށް އަޒުމް ކަނޑައަޅުއްވަމުން ރައީސް ވަނީ "މޫސުމީ ނޭދެވޭ ބަދަލުގެ ރާސްތާގެ ބަދަލުގައި، ދިރިއުޅުމަށް ބަދަލުތަކެއް ގެނައުމުގެ ރާސްތާ ހިޔާރުކުރުމަށް"ވެސް ގޮވާލައްވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް