ސްޕެއިންގެ ބާސެލޯނާއަށް ކުޅެމުން އަންނަ ލަމީން ޔަމާލް އާއި ރޮބަޓް ލެވަންޑޯސްކީ އަށް އަނިޔާވެ ދެ ކުޅުންތެރިން ވެސް ކުޅުމާ ދުރަށް ދާން ޖެހިއްޖެ އެވެ.
އެންމެ މުހިންމު ދެ ކުޅުންތެރިންކަމަށް ވާ ލަމީން ޔަމާލް އާއި ރޮބަޓް ލެވަންޑޯސްކީއަށް އަނިޔާވެފައިވާކަން އެ ކުޅުންތެރިންގެ ކުލަބު ބާސެލޯނާއިން ވަނީ ހާމަކޮށްފައެވެ.
ބާސެލޯނާއިން މިކަން ހާމަކުރަމުން ބުނެފައިވަނީ ޔަމާލްއަށް އަނިޔާވެފައި ވަނީ އޭނާގެ ފައިގެ ކުޑަހުޅަށްކަމަށެވެ. އަދި ލެވެންޑޯސްކީއަށް އަނިޔާވެފައިވަނީ ބުރަކަށްޓަށް ކަމަށެވެ.
މި ދެކުޅުންތެރިންނަށް ވެސް އަނިޔާވެފައިވާއިރު، ލިބިފައިވާ އަނިޔާގެ ސަބަބުން ޔަމާލްއަށް ގާތްގަނޑަކަށް ތިން ހަފްތާއަށް އަރާމުކުރަން ޖެހޭނެ ކަމަށް މެޑިކަލް ޓީމުން ބުނެފައިވާއިރު، ލެވަންޑޯސްކީގެ އަނިޔާއިން އަރައިގަތުމަށް 10 ދުވަހުގެ މުއްދަތެއް ނަގާނެ ކަމަށްވެސް ބުންޏެވެ.
ކުރިއަށް އޮތް އިންޓަނޭޝަނަލް ބްރޭކްގައި ޔުއެފާ ނޭޝަންސް ލީގުގެ މެޗުތަކުގައި މި ދެ ކުޅުންތެރިންނަށް އެމީހުންގެ ގައުމީ ޓީމުތަކަށް ނުކުޅެވޭނެ އެވެ.
ޔަމާލްއަށް އަނިޔާވީ ޗެމްޕިއަންސް ލީގުގައި ރެޑް ސްޓާ ބެލްގްރޭޑްއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. މި އަނިޔާގެ ސަބަބުން އޭނާއަށް އާދިއްތަ ދުވަހު ރެއާލް ސޮސިއެދާދްއާ ދެކޮޅަށް ކުޅުނު މެޗުގައި ބައިވެރިނުވެވުނެވެ. އެ މެޗު ނިމުނީ ސޮސިއެދާދްގެ 1-0 އިން މޮޅުވެގެންނެވެ. މިއީ މި ސީޒަންގައި ލީގުން ބާސެލޯނާ ބަލިވި ދެވަނަ ފަހަރެވެ.
އުމުރުން 17 އަހަރުގެ ޔަމާލްއަކީ މިވަގުތު ބާސެލޯނާގެ އެންމެ ފާހަގަކޮށްލެވޭ އެއް ކުޅުންތެރިޔާއެވެ. މި ސީޒަންގައި އޭނާ ވަނީ ހުރިހާ މުބާރާތެއްގައި 15 މެޗު ކުޅެ 6 ލަނޑު ޖަހާފަ އެވެ. ލެވަންޑޯސްކީ ވަނީ ލީގުގެ 13 މެޗުގައި ކުޅެ 14 ލަނޑު ޖަހައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް