ވޭޕް މަނާކުރާ ބިލް މަޖިލީހުން ފާސްކޮށްފި

ރާއްޖޭގައި ވޭޕް މަނާކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމުން ތަންފީޒުކުރުމަށްޓަކާ ގާނޫނަށް ގެންނަ އިސްލާހުތަކާއި ގުޅޭ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ. ސަރުކާރުގެ ފަރ...

12 Nov 2024 | 09:45

ރާއްޖޭގައި ވޭޕް މަނާކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމުން ތަންފީޒުކުރުމަށްޓަކާ ގާނޫނަށް ގެންނަ އިސްލާހުތަކާއި ގުޅޭ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން ހެންވޭރު އުތުުރު ދާއިރާގެ މެމްބަރު އަހުމަދު އައިފާން ހުށަހެޅުއްވި މި ބިލު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން މިއަދު ފާސްކުރީ 54 މެމްބަރުންގެ ވޯޓާއެކު އެވެ.

އެކަމަކު އަށް މެމްބަރަކު އެ ބިލަށް ވަކި ކޮޅަކަށް ވޯޓު ނުދެއްވި އެވެ.

ބިލުގައި ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނަށް މައިގަނޑު ތިން އިސްލާހެއް ގެންނަން ވަނީ ހުށަހަޅާފައެވެ. އެގޮތުން، މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ވޭޕް ބޭނުން ކުރުން މަނާކޮށް އަދި ދުންފަތުގެ ވިޔަފާރި ކުރެވޭނެ އެންމެ ހަގު އުމުރަކީ 21 އަހަރު ކަމަށް ހެދުމަށް ވަނީ ހިމަނާފައެވެ.

މި ބިލުގައިވާ ގޮތުން ރާއްޖެއަށް އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕުކުރަން ބޭނުންކުރާ ތަކެތި އެތެރެކޮށްފިނަމަ އެ ފަރާތެއް 50،000ރ. އިން ޖޫރިމަނާކުރެވޭނެ އެވެ. އަދި، އެތެރެކުރާ ކޮންމެ ވޭޕަކަށް 10،000ރ. ގެ މަގުން ޖޫރިމަނާ ކުރެވޭނެ ކަމަށް ބުނެފައިވެ އެވެ.

މީގެއިތުރުން ރާއްޖޭގައި ވޭޕު ވިއްކާ ކޮންމެ ފަރާތެއް 20،000ރ. ޖޫރިމަނާ ކުރުމަށް ބިލުގައި ހިމަނާފައިވާއިރު، ވިއްކި ކޮންމެ ވޭޕަކަށް 10،000ރ. ގެ މަގުން ޖޫރިމަނާ ކުރެވޭނެ ކަމަށް ބިލުގައިވެ އެވެ.

އަދި ހިލޭ ވޭޕެއް މީހަކަށް ދީފިނަމަ 10،000ރ. ގެ ޖޫރިމަނާއެއް އަދި އެތަކެތި ބޭނުންކުރާ ކޮންމެ މީހަކު 5،000ރ. އިން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ބުނެފައިވެ އެވެ.

މި ބިލަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15 އިން ފެށިގެންނެވެ. އަދި އެ ތަކެތި ބޭނުން ކުރުން އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މަނާ ވާނެ ކަމަށް ބިލުގައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް