އިސްރާއިލުގެ ޕާސްޕޯޓު މަނަކުރާ ބިލު ފެބްރުއަރީ މަހަށް ދިގުދަންމާލައިފި

އިސްރާއިލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެންނަން އިދިކޮޅު އެމްޑީޕީން ހުށަހަޅާފައިވާ ބިލުގެ މަސައްކަތް ނިންމާނެ މުއްދަތު އަންނަ އަހަރުގެ ފެބްރުއަރީ މަހަށް ...

12 Nov 2024 | 09:14

އިސްރާއިލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެންނަން އިދިކޮޅު އެމްޑީޕީން ހުށަހަޅާފައިވާ ބިލުގެ މަސައްކަތް ނިންމާނެ މުއްދަތު އަންނަ އަހަރުގެ ފެބްރުއަރީ މަހަށް ދިގުދަންމާލައިފިއެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ހުށަހެޅުއްވި އެ ބިލު މަޖިލީހުގެ ތަޅުމުން ބަލައިގަނެ މަޖިލީހުގެ 241 ކޮމިޓީއަށް ފޮނުވީ މިދިޔަ ޖޫން މަހުގެ 10 ވަނަ ދުވަހު އެވެ. އަދި އޭގެ ފަސް މަސް ފަހުން މިއަދު ކުރިއަށްދިޔަ މަޖިލީހުގެ 241 ކޮމިޓީގައި ވަނީ އެ ބިލު ދިރާސާކުރުމުގެ މަސައްކަތް ފަށައިފަ އެވެ.

އެ ކޮމިޓީގެ ބައްދަލުވުމުގައި ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލް ހަންނާނު އަބޫބަކުރު ވިދާޅުވީ ހުށަހެޅިފައިވާ އިސްލާހުގައިވާ ކަންކަމަކީ ވަރަށް ހައްސާސީ ކަންތައްތަކެއް ކަމަަށާއި އެހެން ކަމުން އެ މައްސަލައިގައި ވަރަށް ގިނަ މުވައްސަސާތަކާ މަޝްވަރާކުރަން ޖެހޭ ކަމަށެވެ.

އޭގެ އިތުރުން ބަޖެޓު ދިރާސާކުރަން ވަގުތު ބޭނުންވުމާއި އަދި އަންނަ މަހު އެކަކުން ފެށިގެން ދެ މަހުގެ ޗުއްޓީއަކަށް މަޖިލިސް ދާތީ އަންނަ ފެބްރުއަރީ މަހުގެ އެކަކަށް އެ ބިލުގެ މަސައްކަތް ނިންމުމަށް ހަންނަނާނު ހުށަހެޅުއްވި އެވެ.

ހަންނާނުގެ އެ ނިންމުމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ތާއިދު ކުރައްވައި އެ ހުށަހެޅުން ފާސްކުރީ ކޮމިޓީގެ އަޣުލަބިއްޔަތުން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް