އެފްއޭއެމުގެ އައު ޖެނެރަލް ސެކްރެޓަރީއަކަށް ނާހިލް އައްޔަންކުރަން ނިންމައިފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އައު ޖެނެރަލް ސެކްރެޓަރީއަކަށް ނާހިލް އަހުމަދު ސިއްދީގު އައްޔަންކުރަން ނޯމަލައިޒިން ކޮމިޓީން ނިންމައިފިއެވެ. ކުޅިވަރާ ބެހޭ ވުޒާރާގައި މިވަގުތު މަސަ...

12 Nov 2024 | 06:29

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އައު ޖެނެރަލް ސެކްރެޓަރީއަކަށް ނާހިލް އަހުމަދު ސިއްދީގު އައްޔަންކުރަން ނޯމަލައިޒިން ކޮމިޓީން ނިންމައިފިއެވެ.

ކުޅިވަރާ ބެހޭ ވުޒާރާގައި މިވަގުތު މަސައްކަތް ކުރަމުން އަންނަ އުމުރުން 24 އަހަރުގެ ނާހިލް އެ މަގާމަށް އައްޔަނުކުރަން ނޯމަލައިޒިން ކޮމިޓީން ނިންމީ މަގާމަށް ކުރިމަތިލި ފަރާތްތަކުގެ ވަނަވަރާއި ތައުލީމީ ތަޖުރިބާ އަދި އިންޓަވިއު އަށް ބެލުމަށްފަހު ކަމަށް އެ ކޮމިޓީން ބުނެއެވެ.

ނާހިލް ވަނީ ވެސްޓް އޮފް އިންގްލެންޑް ޔުނިވަސިޓީގެ ބިޒްނަސް މެނޭޖްމެންޓް އަދި ބިޒްނަސް އެޑްމިނިސްޓްރޭޝަނުން ފުރަތަމަ ޑިގްރީއާއި މާސްޓާސް ޑިގްރީވެސް ހާސިލުކޮށްފަ އެވެ. އަދި ޒުވާން ގައުމީ ފުޓުބޯޅަ ޓީމުގައިވެސް އޭނާ ވަނީ ކުޅެފައެވެ.

އެފްއޭއެމްގެ ކޮމްޕެޓިޝަން ޑިޕާޓްމަންޓުގައި ވެސް ނާހިލް ވަނީ މީގެކުރިން މަސައްކަތްކޮށްފައެވެ. އޭނާ އެ މަގާމުން ވަކިވީ މިއަހަރުގެ ކުރީކޮޅުގައެވެ. ގައުމީ 16 އަހަރުން ދަށުގެ ޓީމާއި އޭއެފްސީ 16 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި ޗައިނާގައި މެޗުތައް ކުޅުނުއިރު، ރާއްޖެ ޓީމުގެ ހެޑް އޮފް ޑެލިގޭޝަނުގެ ގޮތުގައި ނާހިލް ވަނީ މަސައްކަތްކޮށްފައެވެ.

އެފްއޭއެމްގެ ރަސްމީ ވަޒީފާއަށް ޖެނުއަރީ 2022 ގައި ވަނުމުގެ ކުރިން އޭނާ ވަނީ އިންޓާންޝިޕް މަރުހަލާއެއްގައި އެ އެސޯސިއޭޝަނުގައި މީގެކުރިން މަސައްކަތްކޮށްފަ އެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމާއި ނާހިލް ރަސްމީކޮށް ހަވާލުވާނީ އަންނަ ހަފުތާގެ ތެރޭގައެވެ. ނާހިލް ވެގެންދާނީ މިދިޔަ 10 ވަރަކަށް އަހަރު ތެރޭ އެފްއޭއެމްގައި މަސައްކަތްކުރާ ހަތަރު ވަނަ ޖެނެރަލް ސެކްރެޓަރީއަށެެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު އެންމެ ފަހުން އަދާކުރީ ޖައުޝަން ޝަރީފެވެ. ޖައުޝަން ވަނީ އޮގަސްޓް މަހު، ފީފާއިން އައްޔަންްކުރި، ނޯމަލައިޒިން ކޮމިޓީން އެފްއޭއެމްގެ މަސައްކަތް ފެށިއިރުވެސް ޖެނެރަލް ސެކްރެޓަރީގެ މަގާމު އަދާކޮށްފަ އެވެ. އޭނާ ވަނީ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ދައުރުގެ ފަހު ބައިގައި ޖެނެރަލް ސެކްރެޓަރީގެ ޒިންމާ އަދާކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް