އިނގިރޭސި ޕްރިމިއާ ލީގުގެ ތަޖުރިބާކާރު ރެފްރީ ޑޭވިޑް ކޫޓޭ ލިވަޕޫލް އާއި އެ ޓީމުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް އަށް ފާޑުކިޔާފައިވާތީ އެކަމުގެ އަދަބެއްގެ ގޮތުން އޭނާ ސަސްޕެންޑް ކޮށްފި އެވެ.
ރެފްރީ ޑޭވިޑް ކޫޓޭ ލިވަޕޫލް އާއި އެ ޓީމުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް އަށް ފާޑުކިޔާފައިވާކަން ފަޅާއެރީ ސޯޝަލްމީޑިއާގައި އާންމުވި ވީޑިއޯއަކުންނެވެ. މި ވީޑިއޯގައި ކޫޓޭ ވަނީ ލިވަޕޫލް އާއި ކްލޮޕް އަށް ވަރަށް ބޮޑަށް ފާޑުކިޔައި ވާކަތައް ދައްކާފައިއެވެ.
މި މައްސަލައާއި ގުޅިގެން ޕްރިމިއާ ލީގުގެ މެޗުތަކުގެ ރެފްރީންގެ ކަންތައްތައް ބަލާ ޕީޖީއެމްއޯއެލް އިން ބުނެފައިވަނީ ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ ވީޑިއޯގެ މައްސަލަ ތަހުގީގު ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި އަދި މިހާރު ރެފްރީ ކޫޓޭ ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.
އުމުރުން 42 އަހަރުގެ ކޫޓޭ ވަނީ މި ހަފްތާގައި ލިވަޕޫލް އިން އެސްޓަން ވިލާ 2-0 ގެ ނަތީޖާއަކުން ބަލިކުރި މެޗުގައި ރެފްރީކަން ކޮށްފަ އެވެ. އަދި ކޫޓޭ އަކީ 2018 ވަނަ އަހަރުން ފެށިގެން އިނގިރޭސި ޕްރިމިއާ ލީގުގެ މެޗުތަކުގައި ގަވައިދުން ރެފްރީކަން ކުރަމުން އަންނަ ފަރާތެކެވެ.
ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ އެއް މިނިޓުގެ ވީޑިއޯ އަކީ 2020 ވަނަ އަހަރު ލިވަޕޫލް އާއި ބާންލީ ބައްދަލުކުރި މެޗުގައި ހިނގާދިޔަ ކަންތައްތަކާއި ގުޅިގެން ކޫޓޭ ދައްކާފައިވާ ވާހަކަތަކެކެވެ. އެ މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރު ވެފައިވާއިރު އެ މެޗުގައި ރެފްރީގެ ނިންމުންތަކާއި މެދު އޭރުގެ ކޯޗު ޔާގެން ކްލޮޕް ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
އަދި އެ މެޗަށްފަހު ކްލޮޕް ވަނީ ކޫޓޭ އަށް ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ. އެގޮތުން ލިވަޕޫލްގެ ކުޅުންތެރިންނަށް ބާންލީގެ ކުޅުންތެރިން ތަކުރާރުކޮށް ފައުލް ކުރުމުންވެސް އަޅާ ނުލާ ދޫކޮށްލާފައިވާކަމަށް ކްލޮޕް ވަނީ ބުނެފަ އެވެ. އަދި އެ މެޗުގެ ފުރިހަމަ ވަގުތުގެ ކަށިގަޑާއިއެކު ކްލޮޕް ވަނީ ދަނޑު މައްޗަށް އަރާ ދަނޑު މަތީގައި ރެފްރީ ކޫޓޭ އާއި ވާހަކަ ދައްކާފަ އެވެ.
މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުގައި މި ވީޑިއޯ އަކީ ސައްހަ ވީޑިއޯ އެއް ކަމަށާއި އަދި އެ ކަމާއި ގުޅިގެން ލިވަޕޫލްގެ އިތުރުން ޕްރިމިއާ ލީގުންވެސް އެއްވެސް ކޮމެންޓެއް މިވަގުތު ކުރަން ބޭނުން ނުވާ ކަމަށެވެ.
ޕްރިމިއާ ލީގުގެ ގަވާއިދު ބުނާ ގޮތުން ލީގުގެ މެޗުތައް ރެފްރީކަން ކުރާ ފަރާތްތަކުން އެ ރެފްރީން ސަޕޯޓް ކުރާ ޓީމުތައް އަންގާ ރިޕޯޓް ކުރަން ޖެހެއެވެ. އަދި ކޫޓޭ އަންގާފައިވާ ގޮތުގައި އޭނާއަކީ ނޮޓްސް ކައުންޓީގެ ސަޕޯޓަރެކެވެ. އެހެންކަމުން އޭނާއަށް ކޮޓްސް ކައުންޓީ އާއި ނޮޓީންހަމް ފޮރެސްޓްގެ އެއްވެސް މެޗެއްގައި ރެފްރީ ކަމެއް ނުކުރެވޭނެ އެވެ.
މި މައްސަލައާއި ގުޅިގެން ޕްރިމިއާ ލީގުގެ މެޗުތަކުގެ ރެފްރީންގެ ކަންތައްތައް ބަލާ ޕީޖީއެމްއޯއެލް އިން އިތުރަށް ބުނެފައިވަނީ ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ ވީޑިއޯގެ މައްސަލަ ތަހުގީގު ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި ރެފްރީ ކޫޓޭ އާއި މެދު އިތުރު ފިޔަވަޅެއް އެޅޭނީ މައްސަލަ ބަލައި ތަހުގީގު ކުރުމަށް ފަހުގައި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް